Last Updated: May 3, 22:21
Friday, May 3, 2024
ކުޅިވަރު

ޓީސީ ދޫކޮށް ބެންޖޯ މާޒިޔާ އަށް ސޮއިކޮށްފި

މާޒިޔާއަށް ސޮއިކުރުމަށްފަހު ބެންޖޯ (ކ) އެ ޓީމުގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: މާޒިޔާ

މިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސްް ކްލަބުގެ ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) މާޒިޔާ އަށް ސޮއިކޮށްފިއެވެ.

މިޑްފީލްޑްގެ އިތުރުން ޑިފެންސްގައިވެސް ކުޅުމުގެ ގާބިލްކަން ހުރި ބެންޖޯ ފާހަގަވެފައިވަނީ އިތުބާރާއެކު ޓެކްލްކުރުމުގެ އިތުރުން މުހިއްމު ވަގުތުގައި ލަނޑުޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އަތޮޅަށް ނިސްބަތްވާ މި ކުޅުންތެރިޔާ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މަޝްހޫރު އެތައް ކްލަބަކަށް ކުޅެފައެވެ. އެގޮތުން، ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް އަދި ކްލަބް ވެލެންސިއާގެ އިތުރުން ކްލަބް އީގަލްސް އަށް ވަނީ ކުޅެފައެވެ. އޭނާ ވަނީ ވީބީ އައްޑޫ އެފްސީގެ ކެޕްޓަނެއްގެ ގޮތުން އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ބެންޖޯ ޓީސީ އަށް ބަދަލުވީ 2017 ވަނަ އަހަރުގައެވެ. އެއަހަރުގެ ކުރީކޮޅު، ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީން ކާމިޔާބުކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނިމިދިޔަ އަހަރުގެ ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ބެންޖޯ ވަނީ ލީގުގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް، ޖުލައި މަހު އީގަލްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗެއްގައި ކަކުލު ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަނުގެ ބާކީބައި ވަނީ ގެއްލިފައެވެ.

ބެންޖޯ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ އަށް ގައުމީ ޓީމުން ޖާގަ ލިބުނީ 2011 ވަނަ އަހަރުގައެވެ. ނަމަވެސް، ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އުމުރުން 33 އަހަރުގެ ބެންޖޯ އަށް ގައުމީ ޓީމުން ޖާގަ ލިބިފައެއްނުވެއެވެ.

ބެންޖޯ އަކީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ގެނައި ފަސްވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ނިއު އަށް ނިމިދިޔަ ސީޒަނުގައި ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޓީސީ އަދި ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ވިކްޓްރީ ސްޕޯޓްސް ކްލަބާއެކު ރަނގަޅު ކުޅުމެއް ދައްކައި އެންމެފަހުގެ ސާފް ސުޒުކީ ކަޕްގައި ގައުމީ ޓީމުގައި މޮޅުކުޅުމެއް ދެއްކި ހުސެއިން ނިހާން (ނިހާޓް) ވެސް އެ ޓީމަށް ގެނެސްފައެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ކުޅުންތެރިން ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު އެ ޓީމުގެ އެއްބަސްވުން އާކުރި ކުޅުންތެރިންގެ ތެރޭގައި މުހައްމަދު އިރުފާން (އިރޭ) އާއި ހަަސަން ޝިފާޒް (ޑުންގާ)ގެ އިތުރުން މޫސާ ޔާމީން (ޔާމްބެ) ހިމެނެ އެވެ.

މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ބަދަލުވި ޔަސްފާދު ހަބީބު (މުލަކޭ) އާއި އަހުމަދު އިމާޒް (އާއްކޮ) އާއި ޓީސީ އަށް ސޮއިކުރި އިސްމާއިލް އީސާ (މެސީ) އަދި ކްލަބް ގްރީން ސްޓްރީޓްސް އާ ގުޅުނު ގާސިމް ސައްމާމު (ސައްމެ) އެވެ. މީގެއިތުރުން، މާޒިޔާ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ އެ ޓީމު ދޫކޮށްލުމަށްފަހު ދަ ގްރާންޑޭގެ ކޯޗުކަމާއި ހަވާލުވެފައެވެ.