Last Updated: May 3, 22:21
Friday, May 3, 2024
ކުޅިވަރު

ކޮންގްރެސް ބޭއްވުމަށް ގާނޫނީގޮތުން ބޭނުންވާ އަދަދު ހަމައެއް ނުވޭ: ފީފާ

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން. --ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ލީޑަރޝިޕަށް އިތުބާރު ނުކުރެވޭކަމަށް ބުނެ މި މަހުގެ 15 ވަނަ ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށްއެދި ވިކްޓަރީ ސްޕޯޓްސް ކްލަބު އިސްވެއޮވެ އިތުރު ކްލަބްތަކަކާއިއެކު ހުށަހެޅި ލިޔުމުގައި، ގާނޫނީ އަދަދު ހަމަނުވާކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ބުނެފިއެވެ.

އެފްއޭއެމް ހައުސްގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން، ފީފާގެ މެމްބަރ އެސޯސިއޭޝަންސް ގަވާނަންސް ޑިޕާޓްމަންޓްގެ ސީނިއާ މެނޭޖަރު އަލެކްސެންޑާ ގްރޮސް ވިދާޅުވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދިނުމަށް އެދި ހުށަހެޅި ޕެޓީޝަނުގައި އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ބުނާ މެޖޯރިޓީ ކްލަބްތަކުގެ އަދަދާއި އެއްވަރަށް ސޮއި ނެތްކަމަށާއި އެހެންވުމުން މި ކޮންގްރެސް ބޭއްވުމުގެ ފުރުޞަތެއްނެތްކަމަށެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައްސަލައިގައި އުފެދުނު މައްސަލަތައް ބެލުމަށް އިއްޔެ ރާއްޖެ އައި ފީފާ އާއި އޭއެފްސީގެ މަންދޫބުން ވަނީ ރާއްޖޭގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ގިނަ އަދަދެއްގެ ކްލަބުތަކުގެ އިތުރުން ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކުރި ކްލަބްތަކާއި ނުކުރާ ކްލަބްތަކާއި އަދި ކުރުމަށް ފަހު ނަން އަނބުރާ ގެންދިޔަ ކަމަށް ބުނި ކްލަބްތަކާ މިއަދު ބައްދަލުކޮށްފަ އެވެ.

"އެ ބައްދަލުވުންތަކަށް ފަހު މިއަދު އަހަރެމެންނަށް ނިންމުނު ނިންމުމަކީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދެން ޖެހޭ، އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ (ގާނޫނީ) އަދަދު މިއަދާ ހަމަޔަށް ހަމަނުވާ ކަމަށް، މިވާހަކަ އަހަރެން ތަކުރާރުކޮށް ބުނެލަން" ގްރޮސް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފީފާ އަދި އޭއެފްސީ އިން ކްލަބްތަކާ އެކު މިއަދު ކުރި މަޝްވަރާތަކާ އެކު، މިނިމިގެންދިޔައީ ވަރަށް ގިނަ ދުވަހަށް ދިގުދެމިގެން ދިޔަ މައްސަލައެއް ކަމަށާއި މިއާއެކު އެއާ ގުޅިގެން އުފެދިފައިވާ ގިނަ ސުވާލުތަކެއްގެ ޖަވާބުލިބި އެފްއޭއެމްގެ އަސާސީ ގަވާއިދު ނެގެހެއްޓިއްޖެ ކަމަށެވެ.

"މިހާ ހިސާބުން އަޅުގަނޑުމެންގެ ފޯކަސް އޮންނަންވާނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް އެއްބާރުލުން ދިނުމާއި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް، އެކަމަށް އަޅުގަނޑުމެންގެ މުޅި ފުޓްބޯޅަ އާއިލާއަށް ގޮވާލަން. މީގެ ޓީމުތަކާއި މީޑިއާގެ އިތުރުން ފުޓްބޯޅައާއި ގުޅުންހުރި އެންމެން ހިމެނޭ ގޮތަށް." ނިންމާލަމުން ބައްސާމް ވިދާޅުވިއެވެ.