Last Updated: April 25, 22:42
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސައުރަތިރީސްވަނަ ބައި)

ފަތިހުގެ ހިތްގައިމު ވަގުތެވެ. ބެލްކަނީގައި ބޭރުބަލަންހުރި ޝައުންހުރީ ޚިޔާލަކަށް ގެއްލިފައެވެ. ރޭގައި އެއްގޮތަކަށްވެސް އޭނާއަކަށް ނުނިދެއެވެ. މިއަދު ހެނދުނުގެ ފްލައިޓުން ފުރަންޖެހޭތީ އޭނާހުރީ ދަތުރަށް ތައްޔާރުވެގެންނެވެ.

" ސިންގަޕޫރަށް ދާހިތުން ލޮލަށް ނިދިވެސް ނައީތަ؟…" ފަހަތުން އިޒްޔަންގެ އަޑުއިވިފައި ޝައުން ސިހުނެވެ.
" ނޫން…ދެންހަމަ ހުރީ….މިވަގުތު އުޑުމަތި ފެންނަނީ ހާދަ ހިތްގައިމުކޮށްނޭ ދޯ؟…" އުދަރެހަށް ބަލަންހުރެ ޝައުން ބުނެލިއެވެ.
" އާނ…މިއީ ދުނިޔެ އެންމެ ހިތްގައިމުކޮށް ފެންނަ ވަގުތު….ދުނިޔެ އެންމެ އަމާންކޮށް ފެންނަ ވަގުތު…." އިޒްޔަން ބުނެލިއެވެ.
" އަބަދުވެސް ދުނިޔެ މިހެން އޮންނަނަމަ ދޯ؟…" އެހުރިގޮތަށްހުރެ ޝައުން ބުނެލިއެވެ.
" ރޭގަ އަސްލުވެސް ކަމެއް ހިނގީތަ؟….މުޅިރޭ ނުނިދާ ތިހުރީ؟.." ކުއްލިއަކަށް އިޒްޔަން ކޮށްލި ސުވާލުން ޝައުންއަށް ސިހުން ލިބުނެވެ.
" ނޫން….ކީއްވެ ތިހެން ތިއެހީ؟….ރޭގަ ހުރިހާކަމެއްވެސް ހަމަ ބަރާބަރު…." ރޭގެ ހާދިސާ ހާމަކުރަން ބޭނުން ނުވާތީ ޝައުން ބުނެލިއެވެ.
" އެކަމު ކީއްވެ ދޮންބެއަށް ހީވަނީ ކޮއްކޮ ކަމެއް ސިއްރުކުރާހެން؟….އާންވެސް ރޭގަ އުޅުނީ ވަރަށް ފާޑަކަށް….ދޮންބެއަށް ހީވަނީ ތިދެމީހުން ކޮންމެވެސް ކަމެއް ސިއްރުކުރާހެން…." ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޒްޔަން ބުނެލިގޮތުން ޝައުން ޖެހިލުންވިއެވެ.
" ކޮންކަމެއްތަ އަހަރެމެން ސިއްރުކުރަން އޮންނާނީ ދޮންބޭ؟…ތިއީ ދޮންބެ އަހަރެންމެދު ގޯސްކޮށް ވިސްނާތީ ހީވާ އެއްޗެއް…" ނުރުހުމުގެ ރާގަކަށް ޝައުން ބުނެލިއެވެ.
" ދެމީހުން އެއްވަގުތެއްގަ ގެއްލުމާ…އެއްވަގުތެއްގަ ރެސްޓްރޫމުން އައުން އެއީ އިއްތިފާގެކޭތަ ތިބުނަނީ؟….ރޭގަ ދޮންބެ ޝައުން ހޯދި ގަޑީގަ އަރްވިންވެސް އާން ހޯދި…އަހަރެމެންނަށް ތިދެމީހުން ވީތަނެއްނޭނގިގެން ދެމީހުންގެ ފޯނަށްގުޅިއިރުވެސް ޚަބަރެއްނުވި…..ފަހުން ތިދެމީހުންވެސް ބުނީ ރެސްޓްރޫމުންނޭ އައީ….ދެން ބުނެބަލަ ކޮންމެމީހަކުވެސް އެވަގުތު ޝައްކު ކުރާނެދޯ…." އިޒްޔަން ވަރަށް ތަފްސީލުކޮށް ރޭގައި ކަންވީގޮތް ކިޔައިދިނުމުން ޝައުން ކަންބޮޑުވިއެވެ. ރޭގައި ކަންތައް ވީގޮތުން އިޒްޔަންއަށް ނުބައި ޝައްކެއްވީއިރު، އެހެންމީހުންނަށްވެސް އެފަދަ ގޮތަކަށް ވިސްނުން އެކަށީގެންވެއެވެ. އެހެންކަމުން ޝައުން އެއްވެސް ފޮރުވުމެއްނެތި ރޭގެ ހާދިސާ އިޒްޔަންއަށް ކިޔައިދިނެވެ.

" ތިވަރުގެ ބޮޑުކަމެއްވީއިރު ކީއްވެތަ ރޭގަ ނުބުނީ؟….އެހެންނޫނަމަ އެނުލަފާ އިންސާނާއަށް އެވަރެއްވެސް ނޫން ކޮށްލާނީކީ….ހާދަގޮތެއްނެތް ފިރިހެނެކޭ އެއީ….ހަމަތަނަކުން އަންހެނަކު ފެންނައިރަށް ގަޔަށްބޮލަށް އަރަން ޖެހޭތަ؟….އަދިވެސް އާންކޮށްލިވަރު ކުޑަ…." ރުޅިއައިސްފައި އިޒްޔަން ބުނެލިއެވެ.

" ދޮންބޭ….އެއްވެސް މީހެއްގާތު މިވާހަކަ ނުބުނައްޗޭ!….އާން ބުނީ އެވާހަކަ ނުދައްކާށޭ…." ޝައުން އެދުނެވެ.
" އަހަރެން ހުރެދާނަން މީހަކު ގާތު އެއްޗެއް ނުބުނެ….އެކަމު އެވަރުގެ ބޮޑުކަމެއް ހިނގިއިރު ތިދެމީހުންނަށްވެސް ކަމުނުދިޔަދޯ އަހަރެންގާތު ބުނާކަށް….އަހަރެންމީ މިހާރު އެއްވެސް މީހެއްނޫނެއްނު…." ޝައުން އެކަން އޭނާއަށް ސިއްރުކުރުމުން އިޒްޔަންހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ޝައުން މާފަށްއެދި އެތައް އާދޭހެއް ކުރުމުން އޭނާ ހަމައަކަށް އެޅުނެވެ.
އަވަސްގޮތަކަށް ނާސްތާކޮށްލައިގެން އާއިން ނުކުތީ ބޮޑުދައިތަމެން ފުރުވަން ދަނީކަމުގައި ބުނެފައެވެ. އާއިން ދިއުމުން ފަރަހަނާޒް ސައިވެސް ނުބޮއެ ކޮޓަރިއަށް ދިޔައެވެ. މިއަދު އޭނާ ކުޑަކޮށްވެސް ކާހިތެއްނުވިއެވެ. ރޭއްސުރެ އޭނާއަށް ވިސްނެނީއެވެ. އޭނާ ވިސްނަން ބޭނުންނުވީ ނަމަވެސް، ރޭގައި ކަންތައްވީގޮތުން އޭނާއަށް ވިސްނެނީއެވެ. އާއިންއާއި ޝައުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގީކަމުގައި އޭނާގެ ހިތްބުނަނީއެވެ. ރޭގެ ހަފްލާގައި އާއިން އޭނާގެ ގާތުގައި އިންނަމަވެސް، އާއިންގެ ނަޒަރުހުރީ ޝައުންއަށް ހުއްޓިފައެވެ. އާއިން އެތައްއިރެއްވާންދެން ޝައުންގެ ހަރަކާތްތަކަށް ބެލިކަން ޚުދު ފަރަހަނާޒަށް ފާހަގަވިއެވެ. އެންމެފަހުން، ކެއުން ދޫކޮށްފައި އާއިން ދިޔައީ ދާވަކިތަނެއްވެސް ނުބުނެއެވެ. ނަމަވެސް އޭނާގެ ހިތްބުނަނީ އާއިން ދިޔައީ ޝައުން ދިޔަތަނަކަށެވެ. އާއިން ދިއުމުން ޝައުން ކޮބައިތޯވެސް އޭނާ ބެލިއެވެ. އޭރު ޝައުންވެސް ފެންނާކަށްނެތެވެ. އެތައްއިރެއްވާންދެން ދެމީހުންކުރެ އެކަކުވެސް ހަފްލާގެ ތެރެއިން ނުފެނެއެވެ. ހަފްލާ ނިމެންއުޅެނިކޮށް ދެމީހުން ފެނުނީވެސް ދާދި އެއްވަގުތެއްގައެވެ. މިއީ އޭނާއަށް ކުރެވޭ ޝައްކެއް ހެއްޔެވެ؟ ނޫންނަމަ ހަޤީޤަތުގައިވެސް ރޭގައި އާއިންއާއި ޝައުންއައީ އެއްތަނަކުން ހެއްޔެވެ؟ ދެމީހުންގެ މެދުގައި ކަމެއް ހިނގީ ހެއްޔެވެ؟

" އަސްތަޣްފިރުއްﷲ….ކޮންފަދަ ނުބައި ވިސްނުމެއް އަހަރެންނަށް މިވިސްނެނީ….އަހަރެންގެ ފިރިމީހާއާމެދު މިފަދަ ގޮތަކަށް ވިސްނައިގެން ނުވާނެ…..އަހަރެން އާއިންއަށް ޝައްކުކޮށްގެން ނުވާނެ…އާއިން ދުވަހަކުވެސް އަހަރެންނަކަށް އޮޅުވައެއްނުލާނެ….އަދި ސިއްރުން ވިޔާނުދާ ކަމެއްވެސް ނުކުރާނެ….އޭނާ ހިލޭ އަންހެނަކާ ދިމާ ނުވެސްބަލާއިރު، ހިލޭ އަންހެނަކާއެކު އެކަހެރިވެދާނެތަ؟…ނުވާނެ…ދުވަހަކުވެސް ނުވާނެ…އެއީ އެއަށްވުރެ މާތް އިންސާނެއް…އޭނާއާމެދު ގޯސްކޮށް މިވިސްނެނީ އަހަރެންނަށް…." ފަރަހަނާޒް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
އޭނާއަށް ހަމައެކަނި ހީވާ ހީވުމަކަށް އާއިންއާމެދު ގޯސް ނިންމުމެއް ނިންމާކަށް އޭނާ ބޭނުމެއްނޫނެވެ. އާއިން އޭނާދެކެވަނީ ހަޤީޤީ ލޯތްބެވެ. އާއިންއަކީ ތެދުވެރި ވަފާތެރި، އޯގާތެރި ފިރިއެކެވެ. ވީއިރު، އާއިންއާމެދު އޭނާ ޝައްކުކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟ ނަމަވެސް އޭނާއަކީވެސް އިންސާނެކެވެ. އާއިންގެ މިޒާޖަށް އައިސްފައިވާ ބަދަލާއި ރޭގައި ފެނުނު މަންޒަރުން އޭނާގެ ހިތަށް ވަސްވާސް ވަންނަނީއެވެ. ރޭގައި ޝައުންގެ ރީތިކަން ފެނުނު ކޮންމެ ޒުވާނެއްގެ ހިތްވެސް މަގުން ކައްސާލުމަކީ ދާދި ފަސޭހަކަމެކެވެ. އާއިންއަކީވެސް ހިއްސުތައް ހަމައަށްހުރި ޒުވާނެކެވެ. އަމުދުން ޝައުންއާމެދު ނުހަނު ކަންބޮޑުވާ އަދި ކުޑައިރުއްސުރެ ޝައުންދެކެ ލޯބިވާ މީހެކެވެ. އެލޯތްބަކީ އޭގައި ކިލަނބުކަމެއްނެތް ސާފުތޯހިރު ލޯތްބެއް ނަމަވެސް، އެއީ ހަމައެކަނި އަޚްވަންތަކަމުގެ ލޯބިކަމާމެދު ފަރަހަނާޒްގެ ހިތުގައި ސުވާލު އުފެދެއެވެ. ޝައުންއަށް އާއިންދެކެ އިޝްޤީ ލޯބިވެވުނުއިރު، އާއިންގެ ހިތުގައި ހަމައެކަނި އެކުވެރިކަމާއި އަޚްވަންތަކަމުގެ ލޯބިކަމަށް ވެދާނެ ހެއްޔެވެ؟

އާއިން އިސްވެ ދުވަހަކުވެސް ޝައުންގެ ވާހަކަ އޭނާގެ ގާތުގައި ނުދައްކައެވެ. ޝައުންއާއި އާއިންގެ ގާތްކަން އޭނާއަށް އެނގުނީވެސް އުޝާގެ ފަރާތުންނެވެ. ނަމަވެސް ޝައުން އާއިންދެކެ ލޯބިވާވަރު ޚުދު އޭނައަށްވެސްވަނީ އަންދާޒާ ކުރެވިފައެވެ. އެކަމުގެ ސަބަބުން ޝައުންގެ ފަރާތުން އުނދަގޫތަކާއި ތަކުލީފުތައްވެސް އޭނާއަށް އުފުލަން ޖެހުނެވެ. އޭރުވެސް އޭނާ ކެތްކުރީ އާއިންއާމެދު އޭނާގެ ހިތުގައި އޮތް ޔަޤީންކަމެއްގެ ބޮޑުކަމުންނެވެ. ޝައުންއާމެދު އާއިން ކަންތައްކުރަމުން އައި ދުރުހިލޭގޮތުން އެދެމެދުގައި ޒަމާނުއްސުރެ އޮތްގާތްކަން އޭނާއަށް ފެންނަގޮތެއް ނުވީއެވެ. ހިލޭ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ކައިވެނީގެ ބޭރުން އުފެދޭ އިޝްޤީ ލޯތްބަކީ ހަރާމް އެއްޗެކަން އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ޒަމާނުއްސުރެ ދެހިތެއްގައި އުފެދޭ ޖަޒްބާތަކީ އިންސާނެއްގެ ބާރުފޯރުވޭނޭ އެއްޗެއް ނޫނެވެ.

އާއިންއާއި ޝައުންއަކީ ކުޑައިރުއްސުރެ އެކީގައި އުޅެބޮޑުވި ދެޒުވާނުންނެވެ. ޒުވާންކަން އޭގެ ކުރިބޯއްޓާ ހަމައަށް ދިޔައިރުވެސް ދެމީހުން އުޅުނީ އަތުގުޅައިގެން އެކުއެކީގައެވެ. ވީއިރު ދެހިތުގައިވެސް ޖަޒްބާތުތައް އުފެދޭނެ ނޫން ހެއްޔެވެ؟ ޝައުންގެ ހިތް އާއިންއަށް ލެނބުނުފަދައިން އާއިންގެ ހިތްވެސް ޝައުންއަށް ނުލެނބިއެއް ނުދާނެއެވެ. އެކަމުގެ ހެކި އެންމެބޮޑަށް ފެނުނީ އެރިކްއާ އެކުގައި ޝައުން ދަތުރުގޮސް އުޅުނުއިރުއެވެ. މުޅި ދަތުރުގައިވެސް އާއިންގެ ސަމާލުކަން ހުއްޓިފައިހުރީ ޝައުންއަށެވެ. އެރިކްއަށްޓަކައި އާއިންގެ ހިތުގައި އުފެދިފައިވީ ރުޅިވެރިކަން ފަރަހަނާޒްގެ ކުރިމަތީގައި އެތައްފަހަރަކު އާއިންގެ ދުލުން ބޭރުވެގެން ދިޔައެވެ. އެދުވަހު ފަރަހަނާޒް އޭނާގެ ހިތަށް ވިސްނައިދިނީ އާއިން ޝައުންއާމެދު އޮތް ކުލުނެއްގެ ސަބަބުން ޝައުންއާމެދު ކަންބޮޑުވަނީ ކަމުގައެވެ. އެދުވަހުވެސް އޭނާ އާއިންއާމެދު ގޯސްގޮތަކަށް ވިސްނަން ބޭނުން ނުވީއެވެ. އާއިންގެ ލޯތްބާއިމެދު ޝައްކުކުރަން ބޭނުންނުވީއެވެ. އޭނާއަށްޓަކައި އާއިންގެ މިޒާޖާއި ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކޮށް އޭނާއެދޭފަދަ މީހަކަށް އާއިން ބަދަލުވިއެވެ. ވީއިރު އޭނާގެ ހިތުގައި އާއިންގެ ލޯތްބާމެދު ސުވާލު އުފެދޭނެ ޖާގައެއްވެސް ނެތެވެ. މީގެކުރިން އޭނާ އެކަމާ ސުވާލެއްވެސް ނުއުފައްދައެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި ސުވާލު އުފެދެން ފަށައިފިއެވެ.

އޭނާއާއި ބައްދަލުވުމުގެ ކުރިން އާއިންއާއި ޝައުންގެ ގުޅުން އޭނާއަށް އޮތީ ސިއްރުވެފައެވެ. އާއިންގެ ދިރިއުޅުމުގައި ޝައުންގެ ސަފްހާތަކުން އެންމެ އަކުރެއްވެސް އޭނާގެ ކުރިމަތީ ހާމައެއްނުކުރެއެވެ. އެކަމުގެ ސަބަބަކީ ކޮބާހެއްޔެވެ؟ އާއިންގެ ޙަޔާތުގައި ޝައުންގެ އަހަމިއްޔަތުކަން ހަމައެހާވެސް ކުޑައީ ހެއްޔެވެ؟ ނޫންނަމަ އެކަން ބަޔާންކޮށްދޭނެ ލަފްޒެއް އާއިންއަށް ނޭނގުނީ ހެއްޔެވެ؟ ނޫންނަމަ އޭނާއަށް ނޭނގޭ ސިއްރެއް އެދެމެދުގައި އޮތީ ހެއްޔެވެ؟ އެއީ މާޒީކަމުގައި ނިންމައި ހަނދާން ނައްތާލެވޭވަރަށްވުރެ އެގުޅުން ވަރުގަދަކަން ޚުދު އާއިންއަށްވެސް ނޭނގެނީބާއެވެ. މިއަދު އާއިންގެ އަނބިމީހާގެ މަޤާމުގައި ހުރެގެން ފަރަހަނާޒަށް މިފަދަ ވިސްނުންތައް ވިސްނަން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ ފަރަހަނާޒް ދެލޯމަރާލައިގެން އޮވެ އެކިގޮތްގޮތަށް ވިސްނުމުންވެސް އޭނާގެ ހިތަށާއި ސިނކުޑިއަށް ލުޔެއްލިބޭފަދަ ޖަވާބެއް ނުލބުނެވެ. ވިސްނިވަރަކަށް އޭނާގެ ޚިޔާލުތައް ދިޔައީ އޮޅުންބޮޅުން ވަމުންނެވެ.

ޝައުން އެނބުރި ސިންގަޕޫރަށް ދިއުމުން އާއިންވެސް އޭނާގެ މަސައްކަތަށް ރުޖޫއަވެ ކުރިއެކޭ އެއްފަދައިން އުޅެންފެށިއެވެ. ނަމަވެސް އޭނާ ދޭތެރެ ދޭތެރެއިން ޝައުންގެ ހާލުބަލައެވެ. ޝައުންބަލަނީ ވީހާވެސް ބޮޑަށް އާއިންގެ ފޯނުކޯލުތަކާއި ދުރުގައި އުޅެވޭތޯއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް އެރިކްއާ ކައިވެނިކުރުމަށެވެ. އެހެންކަމުން އަމީންގެ ދެމަފިރިން އެރިކްގެ މައިންބަފައިންނާ ބައްދަލު ކުރުމަށް ނިންމިއެވެ. ޝައުން އެވާހަކަ އެރިކްއާ ހިއްސާކުރުމުން އެރިކް އޭނާގެ މައިންބަފައިންނާއި ބައްދަލުކުރުމަށް ދުވަހެއް ކަނޑައެޅިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑުކުރިމަތީގައި ތައްޔާރުވާންހުރިއިރު ޝައުންގެ ހިތްއަވަސް ވަމުން ދިޔައެވެ. މިރޭ އެރިކްގެ މައިންބަފައިންނާ ބައްދަލުވުމުން ކަންތައް ހިނގާނެ ގޮތަކާމެދު އޭނާ ކަންބޮޑުވަނީއެވެ. އެރިކްގެ ބައްޕަ އޭނާއާ ނުގަބޫލުވެދާނެއެވެ. ނުވަތަ އެރިކްވެސް އިސްލާމުވުމަށް ދެކޮޅު ހަދާފާނެއެވެ. އެހެންވެއްޖެނަމަ ދެން ކަންތައްވާނީ ކިހިނެއް ހެއްޔެވެ؟

" ދަރިފުޅާ….އަދިވެސް ތައްޔާރު ނުވަނީތަ؟…" ވިސްނުމަކަށް ގެއްލިފައިހުރި ޝައުން ސިހުނީ އޭނާގެ މަންމަގެ އަޑުންނެވެ.

" ނޫނޭ…މިނިމުނީ…" އަދިވެސް އެއްފަހަރު ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލަމުން ޝައުން ފުންނޭވާއެއް ދޫކޮށްލިއެވެ.

ތައްޔާރުވެގެން އެމީހުން ނުކުތްއިރު، އެރިކް ފޮނުވި ކާރު އެމީހުންގެ އިންތިޒާރުގައި އޮތެވެ. ތިންމީހުން އެރުމާއެކު ކާރުދުއްވާލިއެވެ. ދިގުދަތުރަކަށްފަހު ކާރު މަޑުކޮށްލީ ނުހަނު ހައިބަތުބޮޑު އިމާރާތެއްގެ ޕޯޓިކޯގައެވެ. އޭރު އެރިކްހުރީ އެމީހުންގެ އިންތިޒާރުގައެވެ. އެރިކް ދޮރުހުޅުވާލަ ދިނުމުން ޝައުން ކާރުން ފޭބިއެވެ. އިމާރާތުގެ ހައިބަތުކަން ފެނުމުންވެސް އެރިކްގެ އާއިލާއަކީ ކިހާވަރެއްގެ ބައެއްކަން އަމީންއަށް އަންދާޒާކުރެވުނެވެ. އިމާރާތުގެ ދޮރުމައްޗަށް އެރުމާއެކު އަމިއްލަޒާތުގައި ހުޅުވިގެން ދިޔަ ބިއްލޫރި ދޮރުގެ ދެފަރާތުގައި ތިބި ގާރޑުންވެސް އެމީހުން ފެނުމާއެކު ކިޔަމަންކަމާއެކު ސަލާމްކޮށްލިއެވެ. އިމާރާތުގެ ކޮންމެ ދިމާއަކުން ފެންނަނީ ޝާހީކަމެވެ. ހީވަނީ ރަސްކަލެއްގެ ދަރުބާރުގެ ތެރެއަށް ވަދެވޭހެންނެވެ. ކޮންމެ ދިމާއަކުންވެސް ފެންނަނީ މުއްސަނދިކަމުގެ އިންތިހާއެވެ. ކުއްލިއަކަށް އަމީންއަށް ސިފަވެގެން ދިޔައީ ޝަފަޤުގެ ބައްޕަ ޑރ. އުމޭރުގެ ގެޔަށް ދިޔަދުވަހެވެ. އެއީ އެފަދަ މުއްސަނދިކަމެއް އޭނާއަށް ފުރަތަމަ ފެނުނު ދުވަހެވެ. ބޮޑެތި ފެންޑާތައް ހުރަސްކުރަމުން ގޮސް ތަނަވަސް ބޮޑު ކޮޓަރިއެއްގެ ތެރެއަށް އެމީހުނަށް ވަދެވުނެވެ. ވަށައިގެން ސޯފާޖަހާފައިވާ ތަނަވަސް ބޮޑުކޮޓަރީގައި އެކިވަރުވަރުން ފޮތްހަރުތަކާއި އެހެނިހެން ސާމާނުތައް ބެހެއްޓިފައިވާ ހަރުތައްވެސް ހުއްޓެވެ. ދުނިޔޭގެ މަޝްހޫރު ކުރެހުންތައްވެސް ފްރޭމްކުރެވިފައި ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ކުރިމަތީގައިވާ މޭޒުމަތީގައި ގުދުރަތީ ރީތިމާތަކުން ފުރާލާފައިވާ މާވަށިގަނޑުތައް ބެހެއްޓިފައި ހުއްޓެވެ.

" މިތާ އިށީނދެލާ….އެބައަންނަން ބައްޕައަށް އަންގާލާފަ…" ސޯފާތަކަށް އިޝާރާތްކުރަމުން އެރިކް އެދުނެވެ.

އަމީންމެން ކިޔަމަށްތެރިކަމާއެކު ސޯފާގައި އިށީނެވެ. އިރުކޮޅެއްނުވެ، ޔުނީފޯމެއްގައިހުރި ޒުވާން އަންހެން ކުއްޖަކު އައިސް އެމީހުނަށް ފިނިބުއިމެއް ދިނެވެ. އަދި އިތުރުކަމެއް ބޭނުންތޯ ސުވާލުކުރިއެވެ. އެމީހުން ނޫނެކޭ ބުނުމުން ރީތި ހިނިތުންވުމެއް ހަދިޔާކޮށްފައި އޭނާ ދިޔައެވެ. އިންތިޒާރުގައި ތިބޭތާ އިރުކޮޅެއްފަހުން އެރިކްއާއެކު އޭނާ ބައްޕަ ވަރަށް ހައިބަތުކަމާއެކުގައި އައިސް ކުރިމަތީގައިހުރި ސޯފާގައި އިށީނެވެ. އަދި އެރިކްވެސް އެމީހުންގެ ގާތުގައި އިށީނެވެ.

" ކޮބާ….އައުމުގާ އެއްވެސް ތަކްލީފެއް ދިމާވިތޯ…." އެރިކްގެ ބައްޕަ ހިތްހެޔޮކަމާއެކު ސުވާލުކުރިއެވެ.

" ނޫނޭ….ހުރިހާކަމެއްވެސް ވަރަށް ރަނގަޅު…ޝުކުރިއްޔާ…" އަމީން ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ.

" އަޅުގަނޑަކީ އަމީން….މީ އަޅުގަނޑުގެ އަންހެނުން އަޒީފާ އަދި މީ ދަރިފުޅު ޝައުން…ތިބޭފުޅާއަށްވެސް ޝައުން އެނގިލައްވާނެ….މިރޭ މިއައީ ޝައުންގެ އެދުމުގެ މަތިން އެރިކްއާ ޝައުންގެ ކައިވެނީގެ…"

" އެރިކް….ޝައުންއަށް ގެދައްކާލަން ދޭބަލަ!…" އަމީންގެ ވާހަކަ މެދުކަނޑާލަމުން އެރިކްގެ ބައްޕަ ސްޓީވް ބުނެލިއެވެ. އެއާއެކު އެރިކް ޝައުން ގޮވައިގެން ތެދުވިއެވެ. އެރިކްމެން ދިއުމުން ސްޓީވް އަމީންއާ ދިމާއަށް އެނބުރުނެވެ.

" އަހަރެންގެ ނަމަކީ ސްޓީވް….އަހަރެންގެ ނަން ބުނުމުންވެސް މީހުން ސިހިގެންދާނެ….އެކަމު ކަލޭގެ އޮތީ ކޮން ހައިސިއްޔަތެއް….ކަލޭގެ އަންހެންދަރިޔަކީ ކާކުކަން އަހަރެންނަށް އެނގުނީ މިރޭ…..އޭނާއަކީވެސް ޚުދު އަހަރެންގެ ކުންފުނީގަ މަސައްކަތްކުރާ މުއައްޒަފެއް….މުއައްޒަފެއްގެ ހައިސިއްޔަތުން އޭނާއަކީ ރަނގަޅު ކުއްޖެއް….އެކަމަކު އަހަރެންގެ ދަރިފުޅުގެ ޙަޔާތަށް ގެންނަން އޭނާއަކީ އެކަށީގެންވާ ކުއްޖެއްނޫން….އެކަމަކުވެސް އަހަރެންގެ ދަރިފުޅުގެ އެދުމުގެމަތިން މިރޭ އަހަރެން ކަލޭމިގެނައީ…އެއީ ހަމައެކަނި އަހަރެންގެ ހުރި ފިރިހެންދަރިއަކީ….އަހަރެންގެ މިމުއްސަނދިކަމާ ކުންފުނީގެ ވެރިޔަކަށްވާންހުރި މީހާ….އަހަރެން ކިހިނެއް އޭނާގެ ކައިވެނި އެހާ އާދައިގެ ކުއްޖަކާ އަދި އަމުދުން އަހަރެންގެ މުއައްޒަފަކާ ކޮށްދޭނީ…އަމީން އަމިއްލައަށް ވިސްނާލަބަލަ….އަހަރެންނަކީ އަމީންނަމަ ކިހިނެއް ކަންތައްކުރާނީ؟…" ސްޓީވްގެ ވާހަކަތައް މެދުކަނޑާލަމުން އޭނާ އެހިއެވެ.
އަމީން ވިސްނާލިއެވެ. ތެދެކެވެ. ސްޓީވް ދެއްކީ ތެދު ވާހަކައެކެވެ. އޭނާއާއި ސްޓީވްއަކީ އެއްގޮތަކުންވެސް އަޅާކިޔޭނެ ދެމީހުނެއް ނޫނެވެ. އެރިކް ޝައުންދެކެ ލޯބިވިޔަސް، އެވަރަކުން ނުފުދެއެވެ.

" އެކަމަކު ސަރ…އެރިކް އަޅުގަނޑުގެ ދަރިފުޅުގެ ކައިވެންޏަށް އެދި އާދޭސްކުރުމުން އަޅުގަނޑުވެސް އެކަމަށް އެދިގެން މިއައީ…..ޝައުންއަކީވެސް އަޅުގަނޑުގެހުރި ހަމައެކަނި އަންހެން ދަރިފުޅު….އަޅުގަނޑުވެސް ބޭނުންވަނީ އޭނާގެ ކައިވެނި ރަނގަޅު މުސްލިމު ކުއްޖަކާ ކުރުވަން….އެކަމަކު އެދެކުދިން އެކަމަށް އެދުމުން ދެކޮޅު ނުހަދަންވެގެން މިއައީ…." އަމީންވެސް އޭނާގެ މަޖުބޫރީ އޮޅުން ފިލުވައިދިނެވެ.

" ސޮރީ…ވަރަށްބޮޑަށް ލަސްވެއްޖެދޯ…" ކުއްލިއަކަށް ވަރަށް ނަލަހެދިގެންހުރި އަންހެނަކު އައިސް ސްޓީވްގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.

" އަމީން…މީ އަހަރެންގެ އަންހެނުން ސޯފީ…." ސްޓީވް އޭނާގެ އަންހެނުން އަމީންއަށް ތަޢާރަފްކޮށްދިން ވަގުތު އަމީންގެ ހަރަކާތްތައް ހުއްޓުނެވެ. އެއީ އޭނާ ދަންނަ މޫނެކެވެ.

" ހެލޯ…ކިހިނެއްތަ؟…" އަމީން ބަލަން އިނުމުން ސޯފީ ހިނިތުންވެލަމުން އަހާލިއެވެ.

" ސާފިޔާ…" އަމީންއަށް މަޑުމަޑުން ކިޔާލެވުނެވެ. އެވަގުތު ސޯފީވެސް ހައިރާންވެފައި ބަލާލިއެވެ. ސާފިޔާއަކީ ޝަފަޤުގެ ދައްތައެކެވެ. ނަމަވެސް އެތާނގައި ސާފިޔާ ސްޓީވްގެ އަންހެނުންނަށްވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ.

" ކީކޭތަ ކުރިން އަމީންބުނީ؟….އަމީންގެ ދަރިފުޅު ކައިވެނިކުރަން ބޭނުންވަނީ މުސްލިމަކާއޭތަ؟…އަމީންތީ މުސްލިމެއްތަ؟…" ސްޓީވް ހައިރާންކަމާއެކީ ސުވާލުކުރިއެވެ.

" އާނ…އަޅުގަނޑަކީ މުސްލިމެއް….އަޅުގަނޑު ބޭނުންވަނީ އެރިކްވެސް އިސްލާމުވެގެން ޝައުންއާ ކައިވެނިކުރަން…." އަމީން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

" އެރިކް….އެރިކް…ހަމަ މިހާރު މިކޮޅަށް އާދޭ!…" ސްޓީވް އިން ސޯފާއިން ތެދުވަމުން އެރިކްގެ ނަމުން ބާރަށް ގޮވާލިއެވެ. އެއާއެކު މުޅި މާހައުލުގައި އެއަޑު ފެތުރިގެން ދިޔައެވެ. އަޒީފާއާއި އަމީންވެސް ތިބީ ޖެހިލުންވެފައެވެ. ހިނދުކޮޅެއްގެ ތެރޭގައި ހަލުވި ފިޔަވަޅުތަކަކާއެކު އެރިކްއާއި ޝައުން އައެވެ.

" ކިހިނެއްވީ ބައްޕާ؟…" އެރިކް ކަންބޮޑުވެފައި އެހިއެވެ.

" ކީއްވެކުރިން ނުބުނީ ޝައުން އެއީ މުސްލިމެކޭ…..މިހުރިހާ ދުވަހު އެރިކް އަހަރެންނަށް އޮޅުވާލީ ކީއްވެ؟…ބުނެބަލަ!….އަނެއްކާ އަހަރެންނަށް ސިއްރުން އިސްލާމުވެސްވީތަ؟…" ސްޓީވް ހަރުކަށި ކަމާއެކު ވާހަކަދެއްކިގޮތުން އެރިކް ހިމޭންވިއެވެ.
" ޖަވާބުދީބަލަ!…" ކުއްލިއަކަށް ސްޓީވްގެ އަޑުބާރުވިއެވެ.

" ބައްޕާ….އަހަރެން ޝައުންދެކެ ވަރަށް ލޯބިވޭ….އަހަރެންބޭނުމީ ޝައުންއާ ކައިވެނިކުރަން…." އިސްޖަހާލައިގެންހުރެ އެރިކް ބުނެލިއެވެ.

" ނުވާނެ ތިކަމެއް….ދުވަހަކުވެސް ނުވާނެ ތިކަމެއް….މުސްލިމަކާ އިންނާކަށް ދުވަހަކުވެސް އަހަރެން ގަބޫލެއް ނުވާނަން،…" ފާޅުގައި ސްޓީވް ދެކޮޅުހެދިއެވެ.

" ބައްޕާ….ސޯފީމޮމްވެސް ކުރިން މުސްލިމެކޭ ބައްޕަބުނީމެއްނު….އެހެންވީމަ ޝައުންވެސް އަހަރެންނާ މެރީކުރުން އެއީ މައްސަލައެއްނޫނެއްނު…." އެރިކް ބުނެލިއެވެ.

" އެރިކް….ސޯފީއަކީ ކުރިން މުސްލިމެއް…އެކަމު އަހަރެންނާ ކައިވެނިކުރަންވެގެން އޭނާދީން ދޫކޮށްލީ….ޝައުންވެސް ޖެހޭނީ އެދީން ދޫކޮށްލަން…." އަމުރުވެރިކަމާއެކު ސްޓީވް ބުނެލިއެވެ.

" ނުވާނެ ތިކަމެއް….ދުވަހަކުވެސް ތިކަމެއްނުވާނެ….އަހަރެމެން މިތިބީ އެންމެ ފުރިހަމަ ދީނުގަ….ސާފިޔާދީން ދޫކޮށްލިއެއްކަމަކު އަހަރެންގެ ދަރިފުޅު ދީންދޫކޮށެއް ނުލާނެ…އެރިކް ޝައުންއާ އިންނަން ބޭނުމިއްޔާ އެރިކް ޖެހޭނީ އިސްލާމުވާން….އެނގިއްޖެތަ؟…" އަމީންވެސް ރުޅިއައިސްފައި ސްޓީވްއަށް ރައްދުދިނެވެ.

" އަމީން…މަޑުކޮށްބަލަ!….އެރިކްއާ ޝައުން ގޮތެއް ނިންމަން ދޫކޮށްލަބަލަ!…" ކުއްލިއަކަށް ސޯފީ އެދުނެވެ.

" ހުއް…ކަލޭތީކާކު މަށަށް ވިސްނައިދޭން…ޚުދު އަމިއްލަ ދީންދޫކޮށްލާފަހުރި ގޮތެއްނެތް އަންހެނެއްތީ….ކަލޭކަހަލަ މީހަކަށް ދުވަހަކުވެސް އަހަރެންގެ ދަރިފުޅެއްނުވާނެ…ކަލޭގެ ބައްޕައާ ކަލޭގެ ބޮޑާ އާއިލާގެ ނުބައިކަން ފޯރާ ހިސާބަށްވެސް އަހަރެންގެ ދަރިފުޅު ގެންނާކަން ބޭނުމެއްނޫން….ޝައުން އާދޭދާން…" ޝައުންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަމީން ބުނެލިއެވެ.
ސޯފީ ހައިރާންވެފައި އަމީންއަށް ބަލަންހުރީ އަމީންބުނި އެއްޗެއް ދޭހަނުވެފައެވެ.

" ނޫން އަންކަލް….ޝައުން ނުގެންދޭ….އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ!…" އަމީންގެ ފަހަތުން ދަމުން އާދޭހާއެކު އެރިކް އެދުނެވެ.

" އެރިކް…އެމީހުން ދޫކޮށްލާ! އެއީ ކަލެއާ އެކަށީގެންވާ ބައެއްނޫން…." ސޯފާއަށް ވެއްޓިގަންނަމުން ސްޓީވް ބުނެލިއެވެ. އޭރު ސޯފީވެސް ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިނެވެ.

" ޕްލީޒް ޝައުން…މަޑުކޮށްބަލަ!…އަހަރެން ވަރަށް ލޯބިވޭ ޝައުންދެކެ…" އެރިކް ޝައުންގެ އަނެއް އަތުގައި ހިފައި ހުއްޓުވަން މަސައްކަތްކުރިއެވެ.

" އެރިކް…ދޫކޮށްލާ!…ކަލޭގެ މަންމަ ކަހަލަ މީހަކަށް ޝައުން ދުވަހަކުވެސް ނުވާނެ…އެނގިއްޖެތަ؟…ފައިސާއާ މުދަލަށްޓަކާ ދީންދޫކޮށެއްނުލާނެ…" އަމީން ހުއްޓިފައި އެރިކްއަށް ބަލާލަމުން ރުޅިވެރިކަމާއެކު ބުންޏެވެ.

" ސޯފީ އެއީ އަހަރެންގެ އަސްލު މަންމައެއްނޫން….އެއީ އަހަރެންގެ ދޮންމަންމަ….އެކަހަލަ މީހަކަށް ޝައުން ހަދާކަށްވެސް އަހަރެން ބޭނުމެއްނޫން….ޝައުންގެ ދީން ބަދަލުކުރާކަށްވެސް އަހަރެން ބޭނުމެއްނޫން…ޚުދު އަހަރެން މިހުރީ އިސްލާމުވާން ތައްޔާރަށް…." އެރިކް އާދޭއެކު އަމީންއަށް ވިސްނަދޭން އުޅުނެވެ.

" އެކަމަކުވެސް ހެޔޮ…ދެން އަހަރެންގެ ދަރިފުޅު ދުވަހަކުވެސް ކަލެއާ ކައިވެނިކުރުވާކަށް ނެތީން….މިކަހަލަ ގެޔަކަށް ވައްދާކަށްވެސް ނެތިން….އަދި ކަލޭވެސް ދެން ޝައުން ހޯދަން މަސައްކަތް ނުކުރޭ!….ހަނދާން ނައްތާލާ!…އަދި މީގެފަހުން ޝައުން ތިކުންފުނީގަ މަސައްކަތެއްވެސް ނުކުރާނެ….ހުރިހާކަމެއް ނިމުނީ…ނިމުނީ…" އެހެން ބުނުމަށްފަހު އަމީން ހިނދުކޮޅަކަށްވެސް މަޑުކޮށްލުމެއްނެތި އެގެއިން ނުކުތެވެ. އެރިކްގެ ޑްރައިވަރު ކާރު ހިފައިގެން ނުކުންނަން ވާއިރަށް އެމީހުން ހިނގާފައި މަގުމައްޗަށް ނުކުމެއްޖެއެވެ. އަދި ޓެކްސީއެއް ހޯދައިގެން ގެޔަށް ދިއުމަށް އަވަސްވެގަތެވެ.

ޓެކްސީގައި ތިބިއިރުވެސް ތިންމީހުންކުރެ މީހަކު ބަހެއްވެސް ނުބުނެ ހިމޭންކަމާއެކު ތިބިނަމަވެސް އެމީހުންތިބީ ވިސްނުމަކަށް ގެއްލިފައެވެ. ޝައުން ވިސްނަމުން ދިޔައީ ބައްޕައަށް ސޯފީ އެނގުނުގޮތަކާއިމެދުގައެވެ. އަޒީފާވެސް ވިސްނަމުން ދިޔައީ އެކަމާމެދުގައެވެ. ޚުދު އަމީންވެސް ވިސްނަމުން ދިޔައީ ސޯފީއާމެދުގައެވެ. އަމީންއަށް އޭނާ ފުރަތަމަ ފެނުނުއިރުވެސް އޭނާއުޅެނީ ޕާކިސްތާނުގެ މުއްސަންޖަކާ ކައިވެނިކޮށްގެންނެވެ. ނަމަވެސް މިހާރު، އޭނާ އެހުރީ ކްރިސްޓިއަނަކާ އިނދެގެންނެވެ. އޭނާގެ އާއިލާ ކޮބައިބާއެވެ؟ ޝަފަޤު ނިޔާވުމުން އެޚަބަރުދޭން އަމީން ޕާކިސްތާނަށް ދިޔައިރު، އެއާއިލާ އެކަކާވެސް އޭނާއަކަށް ދިމައެއްނުވިއެވެ. އެއްވެސް މީހެއްގެ ޚަބަރު އެނގޭމީހަކާވެސް ދިމައެއްނުވިއެވެ. އެމީހުން ޕާކިސްތާން ދޫކޮށް ދިޔައިރު، އެއްވެސް މީހަކަށް ނޭނގުނީ ކީއްވެބާއެވެ؟ ސާފިޔާ، ސޯފީއަށް ބަދަލުވެ ކްރިސްޓިއަނަކާ ކައިވެނިކުރަން ޖެހުނީ ކީއްވެބާއެވެ؟ އާއިލާގެ ބާކީ ތިބިމީހުން ކޮބައިބާއެވެ؟.

" އަމީން….ނުފައިބަންތަ ތިއިންނަނީ؟.." ކުއްލިއަކަށް އަމީން ސިހުނީ އަޒީފާގެ އަޑުންނެވެ. އަމީން ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ފޭބިއެވެ.

" ބައްޕާ ސޯފީއަކީ ކާކުތަ؟….ބައްޕަކުރިންވެސް ދަންނަންތަ؟…" ކުއްލިއަކަށް ޝައުން ކޮށްލި ސުވާލުން އަމީންއަށް ހުއްޓެވުނެވެ. އެސުވާލުގެ ޖަވާބު ދޭނެ ގޮތަކާމެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ. ދަންނަމޭ ބުނެފިނަމަ، އޭނާގެ މާޒީގެ ވަރަށް ބޮޑު ސިއްރެއް ޝައުންއަށް ފާޅުކުރަން ޖެހެއެވެ. ނަމަވެސް ނުދަންނަމޭ ބުނެފައި އެކަން ފަސޭހައިން އޮއްބާލެވޭކަށްވެސް ނެތެވެ.

ނުނިމޭ