Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫ ސްކޫލް ކުދިންނަށް ފެރީ އާއި ބަހުގެ ހިދްމަތް ހިލޭ!

ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ހިލޭ ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އޮޕަރޭޓު ކުރާ އައްޑޫ ޓްރާންސްޕޯޓު ލިންކުން ނިންމައިފިއެވެ.

އައްޑޫ ޓްރާންސްޕޯޓު ލިންކުން މިއަދު ވަނީ އެ ކުންފުނީގެ ފަރާތުން ދެމުންގެންދާ އާންމު ފެރީދޯނިތަކާއި އަދި ބަހުގެ ހިދުމަތްތަށް ހިލޭ ލިބޭނެ ފަރާތްތަކެއް ހާމަކޮށްފައެވެ.

އެގޮތުން ހިލޭ މި ހިދުމަތް ލިބޭނީ ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާ ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށާއި، ދެ އަހަރުން ދަށުގެ ކުޑަކުދިންނަށާއި، 65 އަހަރުން މަތީ ދޮށީ އުމުރުގެ ރައްޔިތުން އަދި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދެއްކުމުން) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް މި ހިދުމަތް ލިބޭނީ އެންސްޕާއިން އެ ފަރާތްތަކަށް ދޫކޮށްފައިވާ ކާޑު ދެއްކުމުންނެވެ.

އައްޑޫ ސްކޫލް ކުދިން ބަހުގައި ދަތުރު ކުރަނީ 300 ރުފިޔާ ދައްކައިގެންނެވެ. އެއީ ފޭދޫ، މަރަދޫ، އަދި މަރަދޫފޭދޫގެ ދަރިވަރުން އައްޑޫ ހައި ސްކޫލަށް ދިއުމަށެވެ. އަދި އެކިއެކި މުނާސަބަތު ތަކުގައި ހުޅުދޫ މީދޫ ސްކޫލް ތަކުގެ ދަރިވަރުން ގުޅިފައިވާ ރަށްތަކަށް ދަނީ ފެރީއަށް އަދި ބަހަށް ފައިސާ ދައްކައިގެންނެވެ.

އައްޑޫ ޓްރާންސްޕޯޓު ލިންކުން މި ގޮތަށް ނިންމާފައިވަނީ މާލެ އާއި ހުޅުމާލެ ދެމެދު ސްކޫލް ކުދިންނަށް ހިލޭ ދަތުރު ކުރެވޭ ގޮތް ހެދުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

އެފާޑު ކިއުންތަކާއި ގުޅިގެން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ (ޝާޑު) ވިދާޅުވީ އެކަން ހައްލުކޮށް އައްޑޫގެ ދަރިވަރުންނާއި އުމުރުން ދުވަސްވީ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާނެކަމަށެވެ.