Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ޑިޒްނީ އިން "އަލާދީން"ގެ އާ ޓްރެއިލާއެއް ނެރެފި

ޑިޒްނީ އިން 1992 ވަނަ އަހަރު އުފެއްދި މަޝްހޫރު ކާޓޫނޫ ކަމުގައިވާ "އަލާދީން"ގެ ލައިވް-އެކްޝަން ރީމޭކްގެ މުޅިން އާ ޓްރެއިލާއެއް ނެރެފި އެވެ.

ގާއި ރިޗީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ސުލްތާންގެ ރޯލުން ނަވީދް ނޭގަބާން ފެނިގެންދާއިރު، އަބޫގެ ރޯލުން ފެނިގެންދާނީ ފްރޭންކް ވެލްކާ އަދި ޖާފަރްގެ ރޯލުން ފެނިގެންދާނީ މާވެން ކެންޒާރީ އެވެ. އަދި މި ފިލްމްގައި "އަލާދީން"ގެ ރޯލުން މޭނާ މައްސޫދު ފެނިގެންދާއިރު، "ޖޭސްމިން"ގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޯޓް އެވެ.

ވިލް ސްމިތުގެ ނޫ ޖީނީގެ ކެރެކްޓާއަށް ބެލުންތެރިންގެ ފާޑުކިޔުންތައް އަމާޒުވެފައި ވީނަމަވެސް، ފިލްމްގެ ގިނަ މަންޒަރުތަކުން އޭނާ ފެނިގެންދާނެ އެވެ.

އޮރިޖިނަލް ކާޓޫނުގެ ތާރީޚީ ލަވަ ކަމުގައިވާ "އަ ހޯލް ނިއު ވޯލްޑް"، އާ ފިލްމުން ވެސް ފެނިގެންދާނެ އެވެ. އެ ލަވައަށް ވަނީ ގްރެމީ އެވޯޑްސްގައި 'ސޯންގް އޮފް ދަ އިޔާ'ގެ އެވޯޑް ލިބިފައެވެ. މިއީ އެ ކެޓަގަރީ އިން މޮޅުވި ޑިޒްނީގެ ފުރަތަމަ ލަވައެވެ. މީގެ އިތުރުން އެ ލަވައަށް ވަނީ އޮސްކާ އެވޯޑެއް ވެސް ލިބިފައެވެ.

މި ފިލްމަކީ ޑިޒްނީ އިން މި ފަހަކަށް އައިސް އުފައްދަމުން އަންނަ ލައިވް-އެކްޝަން ރީމޭކްތަކުގެ ތެރެއިން އެއް ފިލްމެވެ.

"އަލާދީން" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.