ދުނިޔެ

ސައު ޕައޮލޯގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާއެއްގައި ހަތް ދަރިވަރުން މަރުވެއްޖެ

ހަމަލާއަށްފަހު ގާތްތިމާގެ މީހުން ސްކޫލް ކުރިމައްޗަށް އެއްވެފައި - ފޮޓޯ: ރޮއިޓާސް

ދެކުނު އިރުމަތީ ބްރެސިލްގެ ސްކޫލަކަށް ދެ މީހަކު ވެގެން ދިން ބަޑީގެ ހަމަލާއެއްގައި މަދުވެގެން ހަތް ދަރިވަރުންނާއި މުވައްޒަފަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރާއްޖޭ ގަޑިން އިރުއޮއްސި 18:30 ހާއިރު މި ހާދިސާ ހިނގާފައި ވަނީ ސައޮ ޕައޮލޯ ކައިރީ އޮންނަ ސުޒާނޯގެ ސަރުކާރު ސްކޫލެއްގެ ދަރިވަރުންގެ ބްރޭކް ގަޑީގައެވެ.

ފުލުހުންނާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި ހަމަލާ ދިން ދެ މީހުން ވަނީ ހަމަލާއަށްފަހު އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައެވެ.

ބަޑީގެ ހަމަލާތަކަކީ ބްރެޒިލްގައި އާންމު ކަމަކަށް ވީނަމަވެސް، މި ބާވަތުގެ ހާދިސާތަކަކީ އާންމު ކަމެއް ނޫނެވެ.

މިދިޔަ ޖެނުއަރީ މަހު ވެރިކަމާއި ހަވާލުވެވަޑައިގަތް ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ޤަވާއިދާއި އެއްގޮތަށް ދިރިއުޅޭ ރައްޔިތުންނަށް ބަޑި ގެންގުޅުން ފަސޭހަކޮށްދޭ ޤަރާރެއްގައި ސޮއިކޮށްފަ އެވެ. އެ ޤަރާރުގައި ސޮއިކުރުމަކީ އޭނާގެ ރިޔާސީ ވައުދުފުޅެކެވެ.

ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހުންނާއި މަރުވި ދަރިވަރުންގެ ނަންތައް އަދި ހާމަކޮށްފައި ނުވާއިރު، ލަފާކުރެވޭ ގޮތުގައި ހަމަލާ ދީފައި ވަނީ މީގެ ކުރިން އެ ސްކޫލްގައި ކިޔެވި ދަރިވަރުން ކަމުގައިވާ އުމުރުން 20 އަހަރާއި 25 އަހަރާއި ދެމެދުގެ ދެ މީހުންނެވެ. ފުލުހުން ބުނީ މި ހަމަލާދިނުމުގެ މަޤްޞަދު އަދި ސާފުވެފައި ނުވާ ކަމަށެވެ.

އެ ސްކޫލްގައި އުމުރުން ހަ އަހަރާއި 18 އަހަރާއި ދެމެދުގެ ގާތްގަނޑަކަށް 1،000 ޕްރައިމަރީ އަދި ސެކަންޑަރީ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދެއެވެ. އެ ސްކޫލް ހުންނަނީ ސައޮ ޕައޮލޯ އިން 50 ކިލޯމީޓަރު ދުރުގައި ސުޒާނޯގަ އެވެ.

ހާދިސާ ހިނގި ވަގުތު ސްކޫލްގައި ތިބީ ހަމައެކަނި ސެކަންޑަރީ ދަރިވަރުން ކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން ބުނީ ދުނިދަނޑި އަކާއި ގޮވާޒާތުގެ ތަކެތި ވެސް ފެނިފައިވާ ކަމަށެވެ.