ދުނިޔެ

ނައިޖީރިއާގައި ސްކޫލެއް ވެއްޓި އަށް ކުދިން މަރުވެއްޖެ

އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމްތަކުން މަސައްކަތް ކުރަނީ - ފޮޓޯ: ރޮއިޓާސް

ނައިޖީރިއާގެ ލީގޯސް ސިޓީގައި ސްކޫލެއް ހުންނަ އިމާރާތެއް ވެއްޓި، މަދުވެގެން އަށް ކުދިން މަރުވެފައިވާއިރު، އިތުރު މީހުން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި ކަމުގެ ބިރު ވަނީ ހީވެފައެވެ.

ލީގޯސް އައިލޭންޑްގެ ތިން ބުރީގެ އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ އެ ސްކޫލްގައި 100 އަށްވުރެ ގިނަ ދަރިވަރުން ތިބި ކަމަށް ރިޕޯޓްތައް ބުނެފައެވެ.

އިމާރާތް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އިމާޖެންސީ ޓީމްތަކުން ވަނީ އިމާރާތުގެ ދަށުން ގިނަ އަދަދެއްގެ ކުދިން ސަލާމަތްކޮށްފަ އެވެ. ބައެއް ބެލެނިވެރިން ކުދިން ހޯދުމަށްޓަކައި ހާދިސާ ހިނގި ސަރަޙައްދަށް އެއްވެފައިވާއިރު، އަނެއްބައި މީހުން ވަނީ ކުދިން ފެނޭތޯ އެ ހިސާބުގެ ހޮސްޕިޓަލަކަށް ގޮސްފައެވެ.

އިމާރާތުގެ ދަށުގައި ތާށިވެފައި ތިބީ ކިތައް ކުދިން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އިމާރާތްތައް ވެއްޓުމަކީ ނައިޖީރިއާގައި އާންމު ކަމެއް ކަމަށްވާއިރު، އިމާރާތްތައް އެޅުމަށް އާންމުކޮށް ބޭނުންކުރަނީ ދަށް ކޮލިޓީގެ ތަކެތި އެވެ.