Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެސްއެމްއީ ލޯނު އަންނަ ހަފްތާގައި ދޫކުރަން ފަށާނެ: ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެކަމަށް ރައިީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވި. ކެޔޮދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރެވޭނީ ރައްޔިތުން އެބައެއްގެ ރަށުގައި ތިބެ އާމްދަނީ ލިބޭނެ ގޮތް ހަމަޖެހިގެން ކަމަށެވެ. އަދި ރަށުގައި ތިބެ ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް ހަދާ އެސްއެމްއީ ބޭންކުން އަންނަ ހަފްތާގައި ލޯނު ދޫކުރުމަށް ފަށާނެކަމަށެވެ.

އެސްއެމްއީ ބޭންކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެސްއެމްއީ ލޯނު ދޫކުރުމަށް ސަރުކާރުން އުފެއްދި އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިޔަފާރި ފެށުމުން ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސެންސް މިދިޔަ މަހު ވަނީ ދޫކޮށްފަ އެވެ.

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަކީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނީގައި އައްޑޫ ސިޓީ، މާލެ ސިޓީ އަދި ފުވައްމުލަކު ސިޓީގެ 10 ޕަސެންޓު ހިއްސާ އޮވެއެވެ.