Last Updated: April 23, 18:00
Tuesday, April 23, 2024
މުނިފޫހިފިލުވުން

"އެވެންޖާސް: އެންޑްގޭމް"ގެ މުޅިން އާ ޓްރެއިލާއެއް ދައްކާލައިފި

"އެވެންޖާސް: އެންޑްގޭމް"ގެ ޕޯސްޓަރެއް - ފޮޓޯ: އައިޖީއެން

"އެވެންޖާސް: އެންޑްގޭމް"ގެ މުޅިން އާ ޓްރެއިލާއެއް މާވެލް ސްޓޫޑިއޯސް އިން މިއަދު ދައްކާލައިފި އެވެ.

2.5 މިނެޓުގެ މި ޓްރެއިލާއިން މުޅި މާވެލް ސިނެމެޓިކް ޔުނިވާސްގެ ތާރީޚްގެ ބައެއް ތަންތަންކޮޅު ފެނިގެންދެއެވެ. އާ ޓްރެއިލާގައި އާ ފުޓޭޖްތަކާއި އެއްވަރަށް ކުރީގެ ފުޓޭޖްތައްވެސް ވަނީ ހިމަނާފައެވެ. އޭގެ ސަބަބުން ފޭނުން އެންމެ ލޯބިވާ ކެރެކްޓާތަކުގެ ހަނދާން އާވުމުގެ އިތުރުން، ފިލްމްގެ ސިއްރުތައްވެސް ދަމަހައްޓައިދެއެވެ.

މާވެލް އިން މީގެ ކުރިން ބުނެފައިވަނީ ފިލްމްގެ ފުރަތަމަ 30 މިނެޓަށްވުރެ ފަހުން އަންނަ މަންޒަރުތައް ޕްރޮމޯޝަންތަކުގައި ނުހިމަނާނެ ކަމަށެވެ.

މި ފިލްމްގައި އޭންޓްމޭން އާއި ކެޕްޓަން މާވެލް މުހިންމު ރޯލްތަކެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

ރޮބާޓް ޑައުނީ ޖޫނިއަރ، ކްރިސް އެވަންސް އަދި ކްރިސް ހެމްސްވާތު އާއި މާކް ރަފަލޯ އާއި ސްކާލެޓް ޖޮހަންސަން އަދި ޖެރެމީ ރެނާގެ އިތުރުން އެހެން ގިނަ ތަރިންތަކެއްވެސް ފެނިގެންދާނެ "އެވެންޖާސް: އެންޑްގޭމް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.