Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ޕޯޓޯގެ އެޑާ މިލިޓާއޯ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޝާލްކާއާ ދެކޮޅަށް ޕޯޓޯ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ކުޅޭ ބްރެޒިލްގެ ޒުވާން ޑިފެންޑަރު އެޑާ މިލިޓާއޯ އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އުމުރުން 21 އަހަރުގެ މިލިޓާއޯ ރެއާލަށް ބަދަލުވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 50 މިލިއަން ޔޫރޯގެ ފީ އަކަށެވެ.

އުމުރުން 14 އަހަރުގައި ސައޮ ޕައޮލޯގެ ޔޫތު ޓީމަށް ކުޅެން ފެށި މިލިޓާއޯ އަށް އެ ކްލަބުގެ ސީނިއާ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރުގައެވެ. އޭގެ އެއް އަހަރު ފަހުން މިލިޓާއޯ ޕޯޓޯ އަށް ބަދަލުވީ މިދިޔަ އޯގަސްޓްމަހުގައި ސައޮ ޕައޮލޯ އިން 4 މިލިއަން ޔޫރޯގެ ފީ އަކަށެވެ.

ޑިފެންސްގެ މެދުތެރޭގައި ކުޅޭ މިލިޓާއޯ ވަނީ ޕޯޓޯ އަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު 34 މެޗުގައި ތިން ގޯލް ކާމިޔާބުކޮށް އިތުރު ދެލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އެގޮތުން، މިހާރު ކުރިއަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކޮށްފައިވާއިރު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަންގެ ޝާލްކާ އަތުން ޕޯޓޯ މޮޅުވިއިރު އޭނާ ވަނީ ލަނޑުޖަހާފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެއް މެޗު ކުޅެދީފައިވާ މިލިޓާއޯ ވަނީ މި އަހަރުގެ ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ އަށް ތައްޔާރުވުމަށްޓަކައި އެ ޓީމުން މި މަހުގެ 23 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށް އަދި 26 ގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ޖާގަ ހޯދައިފައެވެ.

މިލިޓާއޯ އަކީ ރެއާލްގެ ކޯޗުކަމާއި ދާދިފަހުން ހަވާލުވި ޒައިނުއްދީން ޒިދާން ކުރިއަށް އޮތް ސީޒަނަށް އެ ޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. މިލިޓާއޯ ރަސްމީކޮށް ރެއާލަށް ބަދަލުވާނީ މިއަހަރުގެ ޖޫން މަހުގައެވެ.

ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުން މަޝްހޫރުވެފައިވާ ރެއާލަށް މި ސީޒަނުގައި ދެން އިތުރު ތައްޓެއް ހޯދުމުގެ ފުރުޞަތު ގެއްލިފައިވާއިރު ލީގުގައި އެ ޓީމު އޮތީ ތާވަލްގެ ތިންވަނައިގައެވެ. ލީގުގެ އެންމެ ކުރީގައި އުޅޭ ބާސެލޯނާއާ ރެއާލްއާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އޮތްއިރު ތާވަލްގެ ގަދަ 8 ގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ސެވިއްޔާ (36) ފިޔަވައި ބައިކޮޅަށް އެންމެ ގިނަ ގޯލް ވަދެފައިވަނީ ރެއާލް ކޮޅަަށެވެ. އެ ޓީމު ކޮޅަށް 32 ލަނޑުވަދެފައިވެއެވެ.

ލީގުގައި ރެއާލް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ސެލްޓާ ވިގޯއާ ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން 20:15 ގައެވެ.