Last Updated: April 25, 11:25
Thursday, April 25, 2024
ދުނިޔެ

ނޯބެލް ސުލްހައިގެ އިނާމަށް 16 އަހަރުގެ އަންހެން ކުއްޖަކު ނޯމިނޭޓްވެއްޖެ

ގްރެޓާ ތަންބާގް - ފޮޓޯ: އޭއެފްޕީ

ސްވިޑެންގެ ސްކޫލް ކުއްޖަކު ކަމުގައިވާ އުމުރުން 16 އަހަރުގެ ގްރެޓާ ތަންބާގް، މި އަހަރުގެ ނޯބެލް ޕީސް ޕްރައިޒް އަށް ނޯމިނޭޓްވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ބައިނަލްއަޤްވާމީ ޙަރަކާތެއް ފެއްޓި ގްރެޓާ، ނޯބެލް ސުލްހައިގެ އިނާމަށް ނޯމިނޭޓްކޮށްފައި ވަނީ ނޯވޭގެ ތިން މަޖިލިސް މެމްބަރެކެވެ.

މި އެވޯޑް ގްރެޓާ ކާމިޔާބުކޮށްފިނަމަ، އޭނާ ވެގެންދާނީ ޕާކިސްތާންގެ މަލާލާ ޔޫސަފްޒާއި އަށްފަހު ނޯބެލް ޕީސް ޕްރައިޒް ލިބޭ އެންމެ ހަނގު ފަރާތަށެވެ. މަލާލާ އަށް މި އިނާމް ލިބުނީ އޭނާގެ އުމުރުން 17 އަހަރުގައެވެ.

ގްރެޓާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި ނޯމިނޭޝަން ލިބުމަކީ އޭނާ އަށް ލިބުނު ޝަރަފެއް ކަމަށާއި، އެކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށެވެ.

ނޯވޭގެ ސޯޝަލިސްޓް ޕާޓީގެ މަޖިލިސް މެމްބަރެއް ކަމުގައިވާ ފްރެޑީ އާންދްރޭ އޮސްތެގާޑް "އޭއެފްޕީ" އަށް ވިދާޅުވި ގޮތުގައި ގްރެޓާ ތަންބާގް ނޯމިނޭޓްކުރީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރާނަމަ، އޭގެ ސަބަބުން ހަނގުރާމަތަކާއި ހަމަނުޖެހުންތަކާއި ރެފިއުޖީންނަށް މަގުފަހިވާނެތީ ކަމަށެވެ.

"ގްރެޓާ ތަންބާގް ވަނީ ބޮޑު ޙަރަކާތެއް ލޯންޗްކޮށްފަ. އެއީ އަހަރެން ދެކޭ ގޮތުގައި ސުލްހައަށްޓަކައި ކުރެވޭ ބޮޑު ކަމެއް"، އޭނާ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ދުނިޔޭގެ 100 ޤައުމަކުން އެތައް ހާސް ދަރިވަރުންނެއް އިހުތިޖާޖްކުރާނެ ކަމަށް ބެލެވެއެވެ.

އެ އިހުތިޖާޖްތަކަށް އެއްބާރުލުން ލިބުނީ ހޭޝްޓެގް FridaysForFuture#ގެ ދަށުން ގްރެޓާ ލޯންޗްކުރި "ފްރައިޑޭސް ފޯ ދަ ފިއުޗަރ" ޙަރަކާތުގެ ސަބަބުންނެވެ.

މިހާތަނަށް ޖަރުމަނާއި ބެލްޖިއަމް އަދި ޔޫކޭ އާއި ފްރާންސްގެ އިތުރުން އޮސްޓްރޭލިއާ އަދި ޖަޕާންގައި މި ޙަރަކާތް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެހެންނަމަވެސް އަންނަ ހުކުރު ދުވަހު ބާއްވާ އިހުތިޖާޖު ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އިހުތިޖާޖް ކަމަށް ބެލެވެއެވެ.

ގްރެޓާ ތަންބާގް އަކީ ކާކު؟

އުމުރުން 16 އަހަރުގެ ގްރެޓާ އެންމެ ފުރަތަމަ މޫސުމަށްޓަކައި އިހުތިޖާޖެއް ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސްވިޑެންގެ މަޖިލިސްކުރާގެ ކުރިމަތީގައެވެ. އޭގެ ފަހުން އޭނާ އަންނަނީ ޤަވާއިދުން ހުކުރު ދުވަހުގެ ކްލާސްތަކަށް ހާޒިރު ނުވަމުންނެވެ.

ގްރެޓާ އަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބުނީ ޑިސެމްބަރ މަހު ޕޮލޭންޑްގައި ބޭއްވި ޔޫއެން ކްލައިމޭޓް ޓޯކްސް އާއި ޖެނުއަރީ މަހު ޑޭވޯސްގައި ބޭއްވި ވާރލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދެއްކުމަށްފަހު އެވެ.

ދުނިޔޭގެ އިޤްތިޞާދީ ފޯރަމްގައި ދެއްކި ވާހަކައިގައި ގްރެޓާ ބުނީ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމައި ފެއިލްވެފައިވާކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

މި އަހަރުގެ ނޯބެލް ޕީސް ޕްރައިޒް އަށް 301 ކެންޑިޑޭޓުން ނޯމިނޭޓްވެފައި ވާއިރު، އޭގެ ތެރޭގައި 223 ވަކިވަކި ފަރާތްތަކާއި 78 ޖަމިއްޔާއެއް ހިމެނެއެވެ.