Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

737 މެކްސްގެ ހުރިހާ އެއާކްރާފްޓެއް ބޮއިން އިން ސަސްޕެންޑްކޮށްފި

އެމެރިކަން އެއާލައިންސްގެ ބޮއިން 737 މެކްސް 8ގެ ފްލައިޓެއް - ފޮޓޯ: ވޮކްސް

އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓުނު ހާދިސާ އާއި ގުޅިގެން އިތުރު ހެއްކެއް ތަޙުޤީޤީ ފަރާތްތަކުން ހޯދުމާއެކު، 737 މެކްސްގެ ބައިނަލްއަޤްވާމީ ފްލީޓް އެއްކޮށް ބޭނުންކުރުން މަނާކުރުމަށް ބޮއިން އިން ނިންމައިފި އެވެ.

ފްލައިޓް އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ބޮއިން އިން ބުނީ އެ މޮޑެލްގެ 371 އެއާކްރާފްޓް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.

އެމެރިކާގެ ފެޑްރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ އެއާކްރާފްޓްތައް ވަގުތީ ގޮތުން މަނާކުރުމަށް ނިންމީ ތާޒާ ހެއްކާއި، އާ ސެޓެލައިޓް ޑޭޓާ ލިބުމުގެ ސަބަބުން ކަމަށެވެ.

އެ މޮޑެލްގެ އެއާކްރާފްޓްތައް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގިނަ ޤައުމްތަކުން ސަސްޕެންޑްކޮށްފައިވާއިރު، އެފްއޭއޭ އިން މިގޮތަށް ނިންމާފައި ވަނީ މިއަދު އެވެ.

އާދިއްތަ ދުވަހު ހިނގި ހާދިސާގައި ފްލައިޓް ތިބި 157 މީހުން އެއްކޮށް ވަނީ މަރުވެފައެވެ.

އެ ހާދިސާ އާއި ގުޅިގެން ޔޫކޭ، ޗައިނާ، އިންޑިއާ އަދި އޮސްޓްރޭލިއާގެ އިތުރުން އޮމާން އާއި ކެނެޑާ އާއި ބްރެޒިލް އިން ވެސް ވަނީ މޮއިން 737 މެކްސް އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލާފައެވެ.

މިކަމާއި ގުޅިގެން ބޮއިން އިން ބުނީ 737 މެކްސްގެ ރައްކާތެރިކަމާމެދު ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، ނަމަވެސް އެފްއޭއޭ އާއި ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް އާއި މަޝްވަރާކުރުމަށްފަހު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނާއި އެއާކްރާފްޓްގެ ރައްކާތެރިކަމާމެދު އާންމުންނަށް ޔަޤީންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ފްލައިޓްތައް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި އިއުލާނާއި ގުޅިގެން ބޮއިން ހިއްސާއަކަށް ޖެހޭ އަގު 377 ޑޮލަރަށް މައްޗަށް ޖެހިފައިވާއިރު، އިތިއޮޕިއަން އެއާލައިންސް ވެއްޓުނު ހާދިސާ އަށްފަހު ބޮއިންގެ މާކެޓް ވެލިއު ވަނީ ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.