Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ނިއުޒިލޭންޑްގެ މިސްކިތްތަކަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ނިއުޒީލެންޑްގެ ސިޓީއެއް ކަމަށްވާ ކްރައިސްޓް ޗާޗުގައި ދެ މިސްކިތަކެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައި ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލުމާއި ގުޅިގެން އެ ޓެރަރިސްޓް ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.

މިއަދު އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ފިނޑި ހަމަލާތައް ކުށްވެރިކުރައްވާ އެފަދަ ތަހުޒީބު މުޖުތަމައުތަކުގައި އެކަހަލަ ޓެރަރިޒަމް އަމަލުތަކަށް ޖާގައެއް ނެތްކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ހެޔޮދުއާތައް ވަނީ މިއަދު ކްރައިސްޓް ޗާޗުގައި ދެވުނު ބިރުވެރި ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކާއި އެކުގައި ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި އެ ޓެރަރިސްޓް ފިނޑި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ދިވެއްސަކަށް ކަމެއްވިކަން އެނގިފައިނުވާ ކަމަށާއި އެހެން ނަމަވެސް އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިއަދު ވަނީ ވިދާޅުވެފައެވެ.