Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ޔޫސީއެލް ކުއާޓާގައި ބާސާ އާއި ޔުނައިޓެޑުގެ ކުރިމަތިލުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ސްޕެއިންގެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާން ޖެހިއްޖެއެވެ.

މިއީ 2007/08 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފަހުން ހޯމް އެންޑް އަވޭ ލެގުގައި މި ދެ ޓީމު ނިކުންނަ ފުރަތަމަ ފަހަރެވެ.

މި ދެ ޓީމު މިހާތަނަށް ބައްދަލުކުރީ އެންމެ ފަހަރަކުވެސް އަވޭ ޓީމުން މޮޅުވެފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ބާސެލޯނާ އަދި ޔުނައިޓެޑް ވެސް އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު ދެ މެޗުން އެއްވަރުވެފައިވެއެވެ.

ޔުނައިޓެޑާ ދެކޮޅަށް 2009 އަދި 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެ ބާސެލޯނާ މޮޅުވިއިރު އެ ދެ މެޗުގައިވެސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ލަނޑުޖަހާފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސް މި ފަހަރުގެ ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައިވާ އިޓަލީގެ ޔުވެންޓަސް ނިކުންނާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލި ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމްއާ ދެކޮޅަށެވެ. ޒުވާން ކުޅުންތެރިން ގިނަ އަޔެކްސް ވަނީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

މި ދެ ޓީމު އެންމެފަހުން ވާދަވެރި މެޗެއްގައި ކުޅުނީ 2009/10 ވަނަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ 32 ޓީމުގެ ބުރުގައެވެ. އެ ފަހަރު ކުޅުނު ދެ މެޗުގެ ތެރެއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު ރަށުން ބޭރުގައި ކުޅެ 2-1 އިން ޔުވެންޓަސް މޮޅުވެ ގަދަ 16 ގެ ބުރަށް ދަތުރުކުރިއެވެ.

އަޔެކްސްއާ ދެކޮޅަށް ޔުވެންޓަސް އެންމެ ފަހުން ކުޅުނު 10 މެޗުންވެސް އެ ޓީމު ބަލިވެފައެއްނުވެއެވެ. ހަ މެޗުން މޮޅުވިއިރު ހަތަރު މެޗުން އެއްވަރުވެފައިވާއިރު މި ދެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ޔުވެންޓަސް ވަނީ މޮޅުވެފައެވެ.

އެހެންނަމަވެސް، އަޔެކްސް ވަނީ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު އެންމެ ފުރަތަމަ ދެ މެޗުން މޮޅުވެފައެވެ. އެގޮތުން، 1973 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ފައިނަލްގައި ބެލްގްރޭޑްގައި ކުޅެ އަޔެކްސް މޮޅުވީ 1-0 އިންނެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ ޒައިނުއްދީން ޒިދާން (މ) އަތުން ބޯޅަ ހޯދަން އަޔެކްސްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ.

ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލް ބައްދަލުކުރާނީ ޕޯޗުގަލްގެ ޕޯޓޯއާ އެވެ. ޕޯޗުގަލްގެ ޓީމުތަކާ ދެކޮޅަށް ލިވަޕޫލްގެ ރެކޯޑް މި މުބާރާތުގައި ރަނގަޅެވެ. އެގޮތުން، ޕޯޗުގަލްގެ ކްލަބްތަކާ ދެކޮޅަށް އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ. ހަ މެޗުން މޮޅުވިއިރު ތިން މެޗުން އެއްވަރުވެފައިވެއެވެ.

މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެފަހަރު ޕޯޓޯ އަތުން 5-0 ގެ އެގްރިގޭޓުން ލިވަޕޫލް ކުރިހޯދިއިރު އެ ފަހަރު ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލްގައި ކުޅުނު މެޗުގައެވެ. އެގޮތުން، އެ މެޗުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ވަނީ ހެޓްރިކް ހަދާފައެވެ.

އިނގިރޭސި ކްލަބްތަކާއި ދެކޮޅަށް ޕޯޓޯ އެންމެ ފަހުން ކުޅުނު ފަސް ފަހަރުވެސް އެ ޓީމު މޮޅުވެފައެއްނުވެއެވެ. އެ ޓީމަށް އެންމެފަހުން އިނގިރޭސި ކްލަބެއް އަތުން މޮޅެއް ހޯދިފައިވަނީ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން 2003/04 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި 3-2 ގެ އެގްރިގޭޓުން ޔުނައިޓެޑް އަތުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ޕޯޓޯ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ދެން އޮތީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމެކެވެ. އެގޮތުން، އެ މެޗުގައި މެންޗެސްޓާ ސިޓީ ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. މި ދެ ޓީމު މިހާތަނަށް ޔޫރަޕްގެ މުބާރާތެއްގައި އެންމެ ފަހަރަކުވެސް ބައްދަލުކޮށްފައެއްނުވެއެވެ.

ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕޯޓޯއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މިއީ 1972/73 ވަނަ އަހަރުގެ ސީޒަނުގެ ފަހުން އިނގިރޭސިވިލާތަށް ނިސްބަތްވާ ކްލަބަކާއި ދެކޮޅަށް ޓޮޓެންހަމް އިން ޔޫރަޕްގެ މުބާރާތެއްގައި ނިކުންނަ ފުރަތަމަ ފަހަރެވެ. އެ ފަހަރު ޔުއެފާ ކަޕްގެ ސެމީ ފައިނަލްގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެ އެ ޓީމު ކެޓީ އަވޭ ގޯލުންނެވެ. އެ ޓީމަށް އެގްރިގޭޓުން ކުރިހޯދިފައިވަނީ 1971/72 ވަނަ އަހަރުގެ ޔުއެފާ ކަޕް ފައިނަލްގައި ވުލްވްސް އަތުން 3-2 އިންނެވެ.

ސިޓީން ޔޫރަޕްގައި މިހާތަނަށް އިނގިރޭސި ކްލަބްތަކާ ދެކޮޅަށް ކުޅުނު ދެ ފަހަރުވެސް ވަނީ ބަލިވެފައެވެ. އެގޮތުން، 1970/71 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕްގެ ސެމީގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި 2-0 ގެ އެގްރިގޭޓުން ބަލިވިއިރު އެންމެފަހުން މިދިޔަ ސީޒަނުގެ ކުއާޓާގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެ އެ ޓީމު ކެޓީ 5-1 ގެ އެގްރިގޭޓުންނެވެ.

ސެމީ ފައިނަލުގެ ގުރުއަތުލުން ނެގިއިރު ކުޅެން ޖެހެނީ ޔުވެންޓަސް އާއި އަޔެކްސް ތެެރެއިން މޮޅުވާ ޓީމަކާއި ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އަދި އަނެއް ސެމީގައި ބައްދަލުކުރާނީ ޕޯޓޯ އާއި ލިވަޕޫލް ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއި ބާސެލޯނާ އާއި ޔުނައިޓެޑް ކުޅެގެން މޮޅުވާ ޓީމެކެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ މެޗުތައް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 9-10 އަދި 16-17 ގައެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅެވޭނީ އޭޕްރީލް މަހުގެ 30 އަދި މެއި މަހުގެ 1 ވަނަ ދުވަހާއި މެއި މަހުގެ 7-8 ގައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި މި އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގައެވެ.