Last Updated: April 23, 12:16
Tuesday, April 23, 2024
ވިޔަފާރި

737 މެކްސްގެ އާ އެއާކްރާފްޓްތައް އުފެއްދުން ކުރިއަށްގެންދާނަން: ބޮއިން

ސައުތުވެސްޓް އެއާލައިންސްގެ ބޮއިން 737 މެކްސް 8ގެ ފްލައިޓެއް - ފޮޓޯ: އެސްއެފް ގޭޓް

737 މެކްސްގެ ފްލައިޓްތައް ވެއްޓެން ދިމާވި ސަބަބު ތަޙުޤީޤުކުރެވެންދެން އެ މޮޑެލްގެ އެއާކްރާފްޓްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް، އެއާކްރާފްޓްތައް އުފެއްދުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ބޮއިން އިން ބުނެފި އެވެ.

737 މެކްސް އަކީ ބޮއިންގެ އެންމެ ބާރަށް ވިކޭ އެއާކްރާފްޓް ކަމުގައިވާއިރު، މިފަހުން ހިނގި ދެ ހާދިސާއަށްފަހު ވެސް އެ މޮޑެލްގެ އެއާކްރާފްޓްތަކުގެ ޑިމާންޑް ކުޑައެއް ނުވެއެވެ.

ބޮއިން އިން ވަނީ އެ މޮޑެލްގެ އެއާކްރާފްޓްތަކުގެ ޑެލިވަރީ މަޑުޖައްސާލަން ނިންމާފައިވާކަން އިއްޔެ ހާމަކޮށްފަ އެވެ. މިދިޔަ އޮކްޓޯބަރ މަހު އޮންޑޮނީޝިއާ ކައިރިއަށް ލަޔަން އެއާ ވެއްޓުނު ހާދިސާ އާއި، އާދިއްތަ ދުވަހު އިތިއޮޕިއަން އެއާލައިންސް ވެއްޓުނު ހާދިސާ އާއި ގުޅިގެން އެ ކުންފުނިން ވަނީ 737 މެކްސްގެ ހުރިހާ އެއާކްރާފްޓެއް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގާފަ އެވެ.

އެހެންނަމަވެސް އެއާކްރާފްޓްގެ އުފެއްދުން ކުރިއަށްގެންދާނަކަން ހާމަކުރުމަކީ ވޮޝިންގްޓަންގެ ރެންޓަންގައި މަސައްކަތްކުރާ އެ ކުންފުނީގެ އެތައް ހާސް މެކޭނިސްޓުންނާއި ޓެކްނިކަލް މުވައްޒަފުންނާއި ސުޕަވައިޒަރުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. މެކްސް ޕްރޮގްރާމްގައި މަސައްކަތްކުރާ މުވައްޒަފުންގެ ސީދާ އަދަދު ހާމަނުކުރި ނަމަވެސް، އެ ސްޓޭޓްގައި ބޮއިންގެ 70،000 މުވައްޒަފުން މަސައްކަތް ކުރެއެވެ.