Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ގައުމު ހަލަބޮލި ކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނަން: ރައީސް

ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލައި، ގައުމު ހަލަބޮލިކުރުމަށް ކުރާ އެއްވެސް މަސައްްކަތަކަށް ޖާގަ ނުދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖްލިސް އިންތިހާބުގައި ޅ. ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ކާރިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމު ހަލަބޮލިކޮށް ސަރުކާރާއި ދޭދޭ ގައުމުތަކާއި މެދު އޮތް ގުޅުން ހީނަރުކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ބާއްވަން އުޅުނު އެއްވުން ފުލުހުން ވަނީ ހުއްޓުވާފައެވެ.

އެއްވުން ފުލުހުން ހުއްޓުވީ ޕީއެންސީއަށް މާލެ ސިޓީ ކައުންސިލުން ދިން ހުއްދައެެއްގެ ބޭނުންކޮށްގެން އުމަރު ނަސީރު އެއްވުމެއް ބާއްވަން އުޅުމާއި ގުޅިގެން އެކަން މާލެ ސިޓީ ކައުންސިލުން ފުލުހުންނަށް އެެންގުމާއި ގުޅިގެންނެވެ.

އުމަރު ނަސީރު ގެންދަވަނީ ރާއްޖޭގައި ދުއްވާ އިންޑިއާ ހެލިކެޕްޓަރ އޮޕަރޭޓު ކުރުމަށް އައިސް ތިބި އެގައުމުގެ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލަމުންނެވެ. އަދި އެކަމާއި އަޑު އުފުލައި ދެކޮޅަށް ނިކުންނާނެކަން އުމަރުވަނީ ހާމަ ކޮށްފައެވެ.