Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ރައްޔިތުންގެ ހުރިހާ ޝަކުވާއެއްގެ ފަރުވާއަކީ އެޖެންޑާ 19: އެމްޑީޕީ

ރައީސް ސޯލިހާއެކު އެމްޑީޕީ ކެންޑިޑޭޓުން

ރާއްޖޭގެ ރައްޔިތުންގެ ހުރިހާ ޝަކުވާއެއްގެވެސް ފަރުވާއަކީ އެޖެންޑާ 19 ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޖެންޑާ19 އެކުލަވައިލާފައިވަނީ ރައްޔިތުންގެ ގާތަށް އެމްޑީޕީއިން ގޮސް، ދޮރުން ދޮރަށް ހިނގާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް އަޑުއެހުމަށްފަހު، ކަމާބެހޭ ޢިލްމާއި، ޙިލްމުގެ އަލީގައި ކަމަށެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހުރިހާ ޝަކުވާއެއްގެވެސް ފަރުވާއަކީ އެޖެންޑާ19 އެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ޤާނޫނީ އޮނިގަނޑު ތަރުތީބުވަނީ މައިގަނޑު ފަސް ސުރުޚީގެ ދަށަށް ކަމަށާއި އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްތިސާދު ކަމަށް އެ ޕާޓީން ބުނެއެވެ.

އެޖެންޑާ19ގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުކޮށްދެނީ ޢަދުލް އިންސާފާއި، ދައުލަތް ޖަވާބުދާރީ ކުރުވުން ކަމަށާއި އިތުބާރުހުރި ސިއްޙީ ނިޒާމާއި، ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ޢިނާޔަތާއި، އެންމެ ކުޑަމިނުން ޙަލާލު މަސައްކަތަށް ދޭން ލާޒިމުވާ އުޖޫރަ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

މީގެއިތުރުން ބޯހިޔާވަހިކަމާއި، އެންމެ %1 އިންޓްރެސްޓްގައި ކިޔަވާކުދިންގެ ލޯނާއި، ގޮއެފާލައްބަތަކާއި ވިލުފަޅުތައް ޙިމާޔަތްކުރުމާއި، ނަޒާހަތްތެރި މަޖިލިހެއް ބިނާކުރުމާއި، ލާމަރުކަޒީ ނިޒާމާއި، ފެނާއި ކަރަންޓު އަގުހެޔޮކުރުމާއި، މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުމަކީ ވެސް އެޖެންޑާ 19 ގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ 19 ވަނަ މަޖިލީހުގައި ކުރަން އުޅޭ މަސައްކަތް އެ ޕާޓީން ވަރަށް ސާފު ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގައި ޙަޤީޤީ ކުލަޖެއްސުމުގެ މަސައްކަތް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.