Last Updated: April 24, 12:00
Wednesday, April 24, 2024
ރިޕޯޓް

ހައްވޫ: ފައި ބިދުނަސް ނުހުޓުނު ފާސްޓު ޑެލިވަރީ!

ހުވަފެނެއް ބަލައިގެން، ކަމެއް ހިތު އަޅައިގެން އެކަމެއް ހާސިލުކުރުމަށް ނުވަތަ އެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް އެހެން ހުރިހައި ކަމެއް ހުއްޓާލާފައި ތަންމަތި ބަނދެގެން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ކޮން ކަހަލަ ކަމެއްކަން އެންމެ ރަނގަޅަށް ކިޔައިދޭން އެނގޭނީ އެކަމަކާ ހެދީ އުޅޭ މީހަކަށެވެ.

މިއަދު މިގެނެސްދެނީ އެފަދަ އަންހެނެއްގެ ވާހަކަ އެވެ. އެންމެން ދަންނަ އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ފިސާރި ކަނބަލެއްގެ ވާހަކައެވެ. ކޮންމެ ދުވަހަކު އެތައް ގެއެއްގެ ދޮރުގައި ޓަކި ޖަހާލައި ހިނިތުންވުމާއި އެކު ބައްދަލު ކުރާ ހިދްމަތް ތެރިއެއްގެ ވާހަކައެވެ.

މި ހަފްތާގެ މީހުން ސެގްމެންޓުގައި މި ގެނެސްދެނީ މި ހިތްވަރުގަދަ ފަރާތުގެ އިންޓަވިއުއެވެ. އެއީ ސ. ހިތަދޫގައި ހިންގާ ފާސްޓް ފުޓް ރެސްޓޯރެންޓް ގައި ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅޭތާ 9 އަހަރު ވެފައިވާ ސ. ހިތަދޫ، ސަބްދެލިގެ، ހައްވާ އަހުމަދު ނުވަތަ އާއްމު ނަމުން ނަމަ ހައްވޫގެ ވާހަކައެވެ.

ހައްވޫ ބުނާގޮތުން ނަމަ އޭނާ އަކީ ކުޑައިރު ވަރަށް "ނޯޓީ" މީހެކެވެ. އާއިލާގައި 9 މެންބަރުން ހިމެނޭ އިރު އޭނާ އަކީ އެންމެ ހަނގުމީހާ އެވެ.

2009 އަހަރު ފެށިގެން ފާސްޓް ފުޑްގައި މަސައްކަތް ކުރާ ހައްވޫ އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރަންފެށީ ހިތަދޫ ގައި ހިންގަމުން ދިޔަ ބީޗް ޕާކު ރެސްޓޯރެންޓް ގެ ވެއިޓަރެއްގެ މަގާމުގައެވެ. އެރެސްޓޯރެންޓް ބަންދު ކުރި ފަހުން ފާސްޓްފުޑް ރެސްޓޯރެންޓް ގެ ވެރިޔާ ގެ ހުށަހެޅުމަކަށް އެ ތަނުގެ ވަޒީފާ އާއި ހަވާލުވީ ކަމަށް ހައްވޫ ކިޔައިދިނެވެ.

"މީ އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް ޑެލިވަރީ ކުރުން މީ، ފެމިލީގެ ތެރެއިން މިކަމުގެ ވާހަކަ ތައް ދެކެވުނު. އަޅުގަނޑު އެދުނިން އެމީހުން ގެ ގާތުން ވެސް މިފަދަ ކަމެއް ކުރުމަށް. އަޅުގަނޑު ބުނިން އަޅުގަނޑު ހިންގާނަމޭ . އެކަމަކު ފެމިލީގެ ތެރެއިން ނުވެ ހުއްޓާ ނާހިދު ( ފާސްޓްފުޓް ގެ ވެރިޔާ) ގެ އެދުމުގެ މަތީން އަޅުގަނޑު މި ތަނާ ޖޮއިން ކުރީ"

ކޮންމެ ކަމަކަށްވެސް ފާޑު ކިޔާނެ ބަޔަކު ތިބޭނެ ފަދައިން ހައްވަތުގެ މި މަސައްކަތަށް ވެސް ފާޑުކިޔުމާއި މަލާމާތް ރައްދުވިއެވެ. އަންހެނަކަށް ވެ ހުރެ ޑެލިވަރީ ކުރުމަކީ "ހަޑި" ކަމެއް ކަމަށް ބުނެ ފުރައްސާރަވެސް ކުރިއެވެ. ނަމަވެސް އޭގެ ސަބަބުން ހައްވަތުގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އެއީ އޭނާ އެެންމެ ހިތް އެދޭ މަސައްކަތަށް ވުމުން ފާޑު ކިއުމަކަށް ބެލުމެއް ނެތި އަމާޒު ހިފީ ވަޒީފާގައި ދެމި ހުރުމަށެވެ.

އެންމެ 1500 ރުފިޔާގެ މުސާރަ އަށް ފެށި މި މަސައްކަތް އެނާ ކުރީ ހިތްހަމަ ޖެހިގެން ހުރެއެވެ. ވަޒީފާ އަދާ ކުރާ ތަނާއި މީހުންނަކީ އަމިއްލަ ކަމެއް ކަމުގައި ދެކިގެންނެވެ.

"އަޅުގަނޑު ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް މީ . ހާއްސަ ކޮށް މިތަނުގައި އަޅުގަނޑު ހޭދަ މިކުރި 10 ވަރަކަށް އަހަރު ތެރޭގައި ވަރަށް ގިނަ އޮފާރ ތަކެއް ވެސް ލިބުނު. ވަރަށް ބޮޑު މުސާރަ ދޭން ބުނެ އަންނާށޭ ވެސް ބުނި. އެކަމަކު އަޅުގަނޑު ބުނިން ނުދާނަމޭ. ބުނީމަ އަހާ ކީއްވެގެން ހެއްޔޭ؟ ނާހިދު އާއި ކޮން ގުޅުމެއްހޭ އޮންނަނީ ވެސް. ބައެއް މީހުންގެ ވިސްނުން ހުންނަނީ އެހެން. އަޅުގަނޑާއި ނާހިދު އާއި ގުޅުމެއް އޮވެގެނެއް ނޫން. މީ އަޅުގަނޑުގެ ޑްރީމް އަކަށް ވާތީ ބޭނުން ނުވަނީ މިތަން ދޫކޮށްލާފަ އެހެން ތަނަކަށް ދާން. އަނެއްކޮޅުން މީ އަޅުގަނޑުގެ ފެމިލީ ތަނެއް ކަމުގައި ދެކިގެން އަޅުގަނޑު މަސައްކަތް ކުރާ ތަން. އެހެން ވީމާ މިތަން ދޫކޮށްލާފައި އަޅުގަނޑު ދާނެ އެހެން ތަނެއް ނޯންނާނެ. ދުވަހަކުވެސް ނުދާނަން. "

ފާސްޓްފުޑް ގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުން ނަމަ އޭނާ އަކީ އެތަނުގެ ދިރުމެވެ. ޑެލިވަރީ ކުރުމުގެ އިތުރުން އެތަނުގެ އެހެން މީހުންގެ ކަންތަކުގައި ވެސް އިސްކޮށް އުޅެނީ ހައްވަތުއެވެ. ރަށުގެ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ހައްވޫ އަކީ ހިތްހެޔޮ އެންމެންނާއި ވެސް ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ. އަބަދުވެސް ހައްވަތުގެ މޫނުމަތިން ހިނިތުން ވުން ނޫނީ ނުފެއެވެ. ޑެލިވަރީ ކުރުމުގައި ވެސް މީހުންނާއި ވާހަކަ ދައްކާ ހަދަނީ އެހާ މެ ގާތްކޮށެވެ.

މަރު ފަދަ ބޮޑު އެކްސިޑެންޓެއް!

2014 ވަނަ އަހަރު ޑެލިވަރީ ކުރުމުގައި ހައްވޫ އުޅެނިކޮށް ނުރައްކާތެރި އެކްސިޑެއްޓެއް ހިނގައި ބޮޑެތި އަނިޔާތަކެއް އޭނާ އަށް ލިބުނެވެ. ޑެލިވަރީއަށް ނިކުމެ އުޅެނިކޮށް ބާރު ސްޕީޑެއްގައި ނުގަވާއިދުން ދުއްވާފައި އައި ޖިޕަކުން ޖެހި ހިނގި އެކްސިޑެންޓުގައި ފައިގެ އެތައް ތަނަކުން ބިނދި އެތައް ވޭނެެއް ތަހައްމަލް ކުރަން ޖެހުނެއެވެ. އެ އަނިޔާ ތަކުން ރަނގަޅު ވެގެން އަލުން ވަޒީފާ އަށް ނިކުންނަން އަހަރެއް ނެގި އިރު އެ އެކްސިޑެންޓަކީ ނުރައްކާތެރި ބޮޑު އެކްސިޑެންޓެކެވެ.

"އަޅުގަނޑު ދިޔައީ ޑެލިވަރީ އެއްގައި. އަޅުގަނޑު ގެ ކުރީގައި އޮތީ ކާރެއް. ކާރާއި ޖެހިގެން އޮތީ ގަމުކޮޅުން ދުއްވާފަ އައި ޖިޕެއް. ޖިޕު އައި ނުބައި ފަޅިން. ހުސެން މޫސާ މިސްކިތް (ހިތަދޫ ބޮޑު މަގު)ކައިރިން ޕާކު ކުރަން އަންނަ ކާރެއް ކަމަށް އަޅުގަނޑު ހީކުރީ. ޖިޕް ކާރު ފެނިފައި ރޭސް ބާރުކޮށްލީ . އަޅުގަނޑަކަށް ނެތް އެއްވެސް ސައިޑަކަށް އެރޭކަށް. ކާރު އަޅުގަނޑުގެ ގައިގައި ޖެހޭނެ ކަން އިނގޭތީ ސައިކަލްގެ ގެ ހަރު ޖައްސަން އުޅުނީ. ދެން ވީގޮތެއް ނޭގެ. ހޭވެރިކަން ވީ އިރު އަޅުގަނޑު އޮތީ ޖިޕުދަށު ގައި. ކާރު އައި އަޅުގަނޑާއި ދިމާލަށް. ޖިޕް ފަހަތަށް ދަމުން ދަމުން ގޮސް ކާރުގައި ޖެހިފައި ވިއްސައިގެންގޮސް އަޅުގަނޑު ޖެހުނީ ޖިޕު ދަށުގައި. މޫނުން ބައެއް ކަނޑައިގެން ދިޔަކަން އެނގުނު، ނިކުންނަން އުޅެނިކޮށް އެގުނީ ފައި ބިނދިފައި ކަން އޮތީ ".

މި އެކްސިޑެންޓާއި ގުޅިގެން ފައިގެ ބޮޑު އޮޕަރޭޝަނެެއް ކުރުމަށް ލަންކާގައި ފަސް މަސް ދުވަހު މަޑު ކުރަން ޖެހުނެއެެވެ. އެކްސިޑެންޓުން ރަނގަޅުވާން ނެގި އެއް އަހަރު ހައްވޫ ސިފަ ކުރީ ވަރަށް ފޫހި ދުވަސް ތަކެއްގެ ގޮތުގައެވެ. އޭނާއަށް ފާސްޓު ފުޑްގެ މެނޭޖުމަންޓުން ގިނަ އެހީތަކެއް ލިބުނެވެ. ހައްވޫ ބުނީ އެހެން އެއްވެސް ތަނަކުން އެފަދަ ގާތް ކަމަކާއި އެ މިނިވަން ކަން ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެކްސިޑެންޓުން ލިބުނު އަނިޔާއަށް ފަހު އަނެއްކާވެސް ހައްވޫގެ މަސައްކަތް ފެށުނެއެވެ. ބަލި އެނދުގައި ހައްވޫ އޮތް ދުވަސްކޮޅަކީ އެ ހިދްމަތް ލިބުނު މީހުންނަށް ލިބުނު ފަޅުކަމެކެވެ.

"މަސައްކަތާއި ރަށާއި ރަހުމަތްތެރިން ދޫކޮށް ދާން ޖެހޭތީ ނުގޮސް މިހުންނަނީ. ވަރަށް ގިނަ މީހުން ކުރާ ސުވާލެއް ކިހިނެއްތޯ އޭ 9 އަހަރު ވަންދެން އަޅުގަނޑު މިތާ ހޭދަކުރީ. އެއްވެސް އޮފެއް ނުނަގާ ، ޗުއްޓީ އަކަށް ނުގޮސް ، އެކަމަކޫ އަޅުގަނޑު ބުނާނީ މިހެން މިތާ މި މަސައްކަތުން އަޅުގަނޑަށް މާ ބޮޑު ހިތްހަމަ ޖެހުމަކާއި އުފާވެރިކަން ލިބޭ"

މަސައްކަތަށް ނިކުންނަން ބޭނުންވާ އަންހެނުން ނަށް ހައްވޫ ދޭން ބޭނުންވާ މެސެޖަކީ މިއީއެވެ. ހައްވޫ ބުނީ ކޮންމެ މަސައްކަތަކީ ވެސް ރީތި ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި ބުރަ އުފުލައިގެން ނޫނީ ކާމިޔާބެއް ނުލިބޭނެކަމަށެވެ. އަދި ހިތްވަރު ނެތި ކުރިއަށް ނުދެވޭނެކަަމަށެވެ

ބައެއް މީހުން ނަށް ހީވެދާނެ މީ ވަރަށް ފަސޭހަ މަސައްކަތެކޭ، ސައިކަލް ގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވާ ލުމަކީ ،އެކަމަކު މީ ލައްކަ ބުރަ މަސައްކަތެއް. ވަރަށް ބުރަކަށީގައި ރިއްސާ، ބައެއް ފަހަރު މީހާ މެންޓަލީ ބަލިވާ ފަހަރުވެސް އާދޭ، އަބަދުވެސް ސިކުނޑީގައި އިނދޭ ޑެލިވަރީ ތައް އަވަސް ކުރަން. " ހައްވޫ ކިޔާދިނެވެ.

އޭނާ ބުނާ ގޮތުން މި ހިދުމަތް ދިނުމުގައި ލަސްވެގެން ބައެއް ކަސްޓަމަރުން ގެ ނުރުހުން އަމާޒުވެއެވެ. ހައްވޫ ބުނީ ވިއްސާރަ ވުމުގެ ސަބަބުން ، މަގުމަތީގައި ދުއްވަން އުނދަގޫ ވުމުގެ ސަބަބުން ނޫނީ ކަސްޓަމަރުންނަށް ދޭ ޑެލިވަރީ ހިދުމަތަށް ލަސް ނުވާނެކަމަށެވެ.

"ކަސްޓަމަރުން ގެ ފަރާތުން އަޅުގަނޑު އެދެނީ އެންމެ ކަމަކަށް، ވިއްސާރަ ދުވަހެއް ވެއްޖެއްޔާ ލަސްވެދާނެ، ކެތްތެރިކަމާއި އެކު އިންތިޒާރު ކޮށް ކޮށްދެއްވާ! ގިނަ އަދަދެއްގެ އޯޑަރ ލިބިފައި ހުރިނަމަވެސް ލަސްވެދާނެ. އެފަދަ ހާލަތް ތަކުގައި ނުނީ ލަސްވެގެން ނުދާނެ. ވީމާ އޯޑަރ ދިނުމަށް ފަހު ލާރި ރެޑީ ކޮށްގެން އިންތިޒާރު ކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. "

ހައްވޫ އަކީ ޑެލިވަރީ ގެ ބުރަ އަދި އެހާމެ އަވަސްދޭ ޙިދުމަތް ދޭ ޙިދުމަތްތެރިއެކެވެ. ނުރައްކާތެރި އެކްސިޑެންޓަކުން ވެސް ގުޑާ ނުލި ހިތްވަރު ގަދަ ކަނބަލެއްގެ ވާހަކައެވެ.

ހައްވޫއަކީ ހަަމަ ޔަޤީނުންވެސް އަންހެނުންނަށް ހުރި ނަމޫނާއެކެވެ. "އައްޑޫލައިވް" އިން އެދެނީ ހައްވޫއަށް ހިތްވަރާއި ކުރިއެރުމެވެ. އަދި ހައްވޫފަދަ އިތުރު އަންހެނުން މި މަސައްކަތުގެ ދާއިރާއިން ފެނިގެން ދިއުމެވެ