Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ހަ ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ރޭ މާލޭގެ މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ހަ ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ 03:46 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމަކުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މިގޮތުން ފަޔަރމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 03:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި 6 ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު 2 ސައިކަލަކަށް އިތުރު ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ހުރި މ.ސަބުދެލި ގޭގެ ގުރައުންޑް ފްލޯގައި ހަދާފައިވާ ގަރާޖުތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ވެސް ވަނީ ވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.