Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓަކާއި ސްޓޭޓް ހައުސްއެއް ހުޅުވައިފި

ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓާއި ސްޓޭޓް ހައުސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ.

ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ހައުސް ހުޅުވީ މަރާމާތަށްފަހު ބަދަލުތަކެއް ގެނެސްގެންނެވެ. ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާފައިވަނީ 88 ދުވަހުންނެވެ.

ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކުޅުދުއްފުށީގައި، ހދ.އަތޮޅުގެ ވެރިރަށުގައި ކުޅުދުއްފުށީ ސިޓީގައި މިފަދަ މުޙިއްމު މުޢައްޞަޞާއެއް ހުރުމަކީ ކިތަންމެހާވެސް ބޭނުންތެރިކަމެއްކަމަށެވެ.

އަދި މިފަދަ މަސައްކަތްތައް ކުރެވިގެންދަނީ ރައްޔިތުންނާ ވިޔަފާރިވެރިންނާ، ސަރުކާރުގެ މުޢައްޞަޞާތައް ގުޅިލާމެހިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިޔާސީގޮތުން ތަފާތުވާ ތަފާތުވުމަކީ މުޅިޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމަކަށް ހަދައިގެންނުވާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިތަންތަން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އަތޮޅުގެތައް ހިންގުމުގެ ބޭނުމަށްޓަކައި ދައުލަތުގެ ފަރާތުން ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ދައުލަތުގެ ފަރާތުން ހޯދާފައިވާ ވަޞީލަތްތަކާއި، ރަށްރަށުގެ ހިންގުމުގެ ބޭނުމަށްޓަކައި ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ވަޞީލަތްތައް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސުމެވެ.

އަދި ރޭ ހުޅުވި ކުޅުދުއްފުށީ ލޯކަލް މާރުކޭޓަކީ ހަތަރު މިލިއަނަށްވުރެ ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ މާރުކޭޓެކެވެ. މަސައްކަތް ނިންމުމަށް އެއް އަހަރާއި އަށްމަސް ހޭދަވިއެވެ.