Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ރާއްޖޭގައި ލިބެން ހުންނަ ބޭހުގެ ފެންވަރު ކަށަވަރުކުރަނީ

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނޭ ރާއްޖޭގައި ލިބެން ހުންނަ ބޭހުގެ ފެންވަރު ކަށަވަރުރުމަށް ހެލްތް މިނިސްޓްރީ އާއި ސިންގަޕޫރުގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ސޮއިކޮށްފައިވަނީ ސިންގަޕޫރުގެ "TÜV SÜD PSB Pte. Ltd" ކުންފުންޏާއި އެކުއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުމަށް މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވެފައިވާ ވައުދު ހާސިލް ކުރުމަށް ސޮއިކުރެވިފައިވާ އެއްބަސްވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ބޭހުގެ އިތުރުން ކާބޯތަކެތީގައި ޕެސްޓިސައިޑް ހުންނަ މިންވަރު ބެލުމަށް ޓެސްޓު ހެދުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ސިންގަޕޯރގެ " TÜV SÜD PSB Pte. Ltd" ކުންފުންޏަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ 1000 އަށް ވުރެ ގިނަ ތަނުގައި ލެބޯޓަރީގެ ޚިދުމަތްދޭ ތަޖްރިބާކާރު ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ނެޝަނަލް ހެލްތު ލެބޯޓަރީއިން ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެ ނެޝަނަލް ހެލްތު ލެބޯޓަރީއިން ހެދެން ނުހުންނަ ޓެސްޓްތައް ހެދުމަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެގެންދާނެއެވެ.