Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ބިމުގެ ދަތިކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫޢުތައް ކުނބުރުދޫގައި ހުއްޓިފައި!

ބިމުގެ ދަތިކަމުގެ ސަބަބުން ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް ކުނބުރުދޫ ކައުންސިލް މެމްބަރުން ވިދާޅުވެއްޖެއެވެ.

ކުނބުރުދޫ ކައުންސިލް މެމްބަރުން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކުނބުރުދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހަށް އެރުވިއެވެ.

މިގޮތުން، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ފާހަގަ ކުރައްވައި، އެކަމުގެ ސަބަބުން ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ނުގެންދެވި ހުއްޓިފައިވާކަމުގައި ކުނބުރުދޫ ކައުންސިލް މެންބަރުން ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައްވެސް ރަށުގައި ފުރިހަމަވެފައި ނެތްކަމަށާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަކީވެސް ކޮންމެހެން ބޭނުންވެފައި ހުރި ކަންކަން ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވީހާވެސް އަވަހަކަށް ފަށްޓަވައި ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.