Last Updated: April 26, 06:25
Friday, April 26, 2024
ކުޅިވަރު

ޔޫރޯ ކޮލިފައިން: ހަޒާޑްގެ ދެ ގޯލުން ބެލްޖިއަމް މޮޅުވެއްޖެ

އެޑެން ހަޒާޑް

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގެ ފުރަތަމަ މެޗުން ބެލްޖިއަމް ރޭ މޮޅުވެއްޖެއެވެ.

ގްރޫޕް އައިގައި ހިމެނޭ ބެލްޖިއަމް ރޭ މޮޅުވީ ރަޝިޔާ އާއި ބައްދަލުކުރި މެޗުން 1-3 އިންނެވެ.

ބެލްޖިއަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ޔޫރީ ޓީލެމެންސް ވަނީ ބެލްޖިއަމް އަށް މެޗުގެ ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑެނިސް ޗެރިޝޭވް ވަނީ ރަޝިޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، އެ ހާފްގެ ފަހު މިނެޓްގައި ބެލްޖިއަމް އަށް ލިބުނު ޕެނަލްޓީއަކުން އެޑެން ހަޒާޑް ވަނީ އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އަދި ބެލްޖިއަމްގެ ތިންވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ހަޒާޑްއެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދި ބެލްޖިއަމް އިން ޔޫރޯ ކޮލިފައިންގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ސައިޕްރަސްއާއެވެ.