Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

މި ސަރުކާރު ހިފެހެއްޓުމުގައި ޖޭޕީ ދެމި އޮންނާނެ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ޖުމްހޫރީ ޕާޓީ އޮންނާނީ މި ސަރުކާރު ހިފަހައްޓާނެ ޕާޓީއެއްގެ ގޮތުގައި ކަމަށް، އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވީ ބައިބައިވުމުން އޭގެ ދެރަ އެންމެ ބޮޑަށް ލިބެނީ ރައްޔިތުންނަށް ކަމަށާއި އެގޮތުން ބައިބައިވުމުން ތަރައްގީ ހުއްޓި ގައުމު ތަޅާފޮޅުމާއި ހަލާސްގެ ތެރެއަށް ވެއްޓިގެންދާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީ އޮންނާނީ ﷲ އިރާދަކުރެއްވިއްޔާ، މި ސަރުކާރު ހިފަހައްޓާނެ ޕާޓީއެއްގެ ގޮތުގައި" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެއްބަސްވުންތަކެއް ނެތުމުން މިއަދު ދިމާވެފައިވަނީ އެއްވެސް ބަޔަކަށް ހިތްހަމަޖެހޭ ފަދަ ހާލަތެއް ނޫނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ތެރޭގައި ވެސް ބައެއް ކަންކަމުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމަށާއި ނަމަވެސް މި ފަސް އަހަރުތެރޭ ފާއިތުވި ތަނުގައި ފެނިގެންދިޔަ އުދާސްތައް އަލުން ދެކެން ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އަލިއަޅުވާލައްވައި އަލީ ވަހީދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖޭޕީ އަށް ލިބޭނީ ހަ ގޮނޑި ނޫން ކަމަށާއި އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މިސްރާބު ކަނޑައެޅުމުގައި ސަމުގާއެއްގެ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަލާފައި އޮތް ޕާޓީއެއް ކަމަށެވެ.

އަދި މަޖިލިސް އިންތިހާބުގައި ޖޭޕީ ނިކަމެތި ގޮތަކަށް ފެނިގެން ނުދާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.