Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އެއިމްސްގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހުޅުވައިފި

އެއިމްސްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ހުޅުވަނީ - ފޮޓޯ: ފޭސްބުކް (އެއިމްސް ޑައިގްނޯސްޓިކް ކެއަރ)

އައްޑޫ ސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކޮށް، އެ ޑިޕާޓްމަންޓްގެ ޚިދުމަތްތައް މިއަދު އިފްތިތާޙްކޮށްފި އެވެ.

އެ ކްލިނިކްގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް އިފްތިތާޙްކޮށްދެއްވީ އެކުންފުނީގެ މުވައްޒަފެއް ކަމުގައިވާ ސުހާ ރަޝީދު އެވެ. އަދި އެ ޑިޕާޓްމަންޓްގެ އެންމެ ފުރަތަމަ ކަސްޓަމަރުގެ ހައިސިއްޔަތުން ޚިދުމަތް ހޯދާފައި ވަނީ ވެސް ސުހާ އެވެ.

އެއިމްސް އިން ބުނީ އެ ކްލިނިކްގައި ރޭޑިއޮލޮޖީގެ ޚިދުމަތްތައް ދެއްވާނީ މިޞްރުގެ ރޭޑިއޮލޮޖިސްޓެއް ކަމުގައިވާ ޑރ. މުހައްމަދު ޔުސްރީ އަބްދުއްރަޙްމާން (އެމް.ބީ.ބީ.އެސް އަދި އެޗް.އެމް.ޑީ) ކަމަށެވެ.

އަލަށް ތަޢާރަފްކުރެވުނު މި ޚިދުމަތާއެކު، އެއިމްސް އިން މިހާރު ގިނަ ސްކޭންތަކެއްގެ ހެދޭނެ އެވެ. އެގޮތުން ބަނޑުގެ ސްކޭނާއި، ތައިރޮއިޑް އަދި ކަރުގެ ސްކޭން، އުރަމަތީގެ ސްކޭން، ނާރުގެ ސްކޭން އަދި މެޕިން، ކެރޮޓިޑް ޑުޕްލެކް ސްކޭން، މަސަލް ސްކޭން، ސޮފްޓް ޓިޝޫ ސްކޭން، ލިވަރ އަދި ކިޑްނީގެ ސްކޭންގެ އިތުރުން ޕްރޮސްޓޭޓް އަދި ބްލެޑަރ ސްކޭން އާއި މޭގެ ސްކޭން ހެދޭނެ އެވެ.

އެއިމްސް އިން ބުނީ ހަދާ ސްކޭންތަކުގެ ރިޕޯޓާއެކު، ސްކޭން ސީޑީވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެއިމްސްގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިހުސާން ވިދާޅުވީ، އަވަސް މުސްތަޤްބަލެއްގައި ލެބޯޓްރީ އިން ޕެތޮލޮޖީ ޓެސްޓްތައް ވެސް ހެދޭނެ ގޮތް ހެދުމަށް ވިސްނަވަމުން ގެންދަވާ ކަމަށާއި، ޑޮކްޓަރ ޑިއުޓީގައި ހުންނަވާ ގަޑިތަކުގެ އިތުރުން އޮން ކޯލް ޑިއުޓީ ގަޑިތަކުގައި ވެސް ސްކޭންތައް ހެއްދޭނެ ކަމަށެވެ.

އެއިމްސް އިން ވަނީ މި މަހުގެ ކުރީކޮޅު އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްސް އާއި ގުޅިގެން ޓެލެމެޑިސިންގެ ޚިދުމަތްވެސް ތަޢާރަފްކޮށްފަ އެވެ.