Last Updated: March 29, 02:52
Friday, March 29, 2024
ދުނިޔެ

ދުނިޔޭގެ އެންމެ އުފާވެރި ޤައުމަކަށް އަނެއްކާވެސް ފިންލޭންޑް ހޮވިއްޖެ

ދުނިޔޭގެ އެންމެ އުފާވެރި ޤައުމުގެ މަޤާމް ޖެހިޖެހިގެން ދެވަނަ ފަހަރަށް ފިންލޭންޑް ހޯދައިފި އެވެ.

ޔޫއެންގެ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ސޮލިއުޝަންސް ނެޓްވޯކް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ލިސްޓްގައި ހިމެނުނު 156 ޤައުމްގެ ތެރެއިން އެއްވަނަ މަޤާމް ހޯދީ ފިންލޭންޑް އެވެ.

ފިންލޭންޑަށްފަހު ދުނިޔޭގެ އެންމެ އުފާވެރި ޤައުމްތަކުގެ ގޮތުގައި ހޮވުނީ ޑެންމާކް އާއި ނޯވެ އަދި އައިސްލޭންޑް އެވެ.

މިފަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެމެރިކާ ވަނީ އެއް ދަރަޖަ ދަށަށްގޮސްފަ އެވެ. އެގޮތުން އެމެރިކާ އޮތީ މިހާރު 19 ވަނައިގައި ކަމަށްވާއިރު، އިންޑިއާ ވަނީ ހަތް ދަރަޖަ ފަހަތަށްޖެހި، 140 ވަނަ އަށް އަރައިފަ އެވެ. އުފާވެރި މީހުން އެންމެ މަދީ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުންނަމަ ދެކުނު ސޫދާން ގައެވެ.

މި ރިޕޯޓަކީ 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ގެލަޕް އިން ނަގާފައިވާ ސާވޭތަކެއްގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ރިޕޯޓެކެވެ. އެ ސާވޭތަކުގައި ޤައުމްތަކުގައި އާންމު ތަކެތީގެ އަގުތައް އުޅޭ މިންވަރާއި، އާއިލާ އާއި ރަހުމަތްތެރިންގެ ކިބައިން ލިބޭ އެއްބާރުލުމާއި، އެވަރެޖުކޮށް މީހުންގެ ދިރިއުޅުމުގެ އުމުރު ހުންނަ މިންވަރާއި، ދިރިއުޅުމުގައި އަމިއްލަ އިޚްތިޔާރުގެ ދަށުން ނިންމުންތައް ނިންމުމުގެ މިނިވަންކަމާއި، ދީލަތިކަމާއި، ކޮރަޕްޝަން އަދި ހިތާމަވެރިކަމާއި އުފާވެރިކަން ހުންނަ މިންވަރަށް ބަލާފައި ވެއެވެ.

މިދިޔަ ބުދަ ދުވަހު އާންމުކުރި އެ ރިޕޯޓްގައިވާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ފިންލޭންޑް ވަނީ މަޑުމަޑުން މައްޗަށް ގޮސްފައެވެ. އަދި މިހާރު ފިންލޭންޑް އުޅެނީ ގަދަ 10ގައި އުޅޭ އެހެން ޤައުމްތަކަށްވުރެ މާ ކުރީގައި ކަމަށް ދިރާސާވެރިން ބުނެއެވެ.

ދުނިޔޭގެ އެންމެ އުފާވެރި 10 ޤައުމް:

1. ފިންލޭންޑް
2. ޑެންމާކް
3. ނޯވޭ
4. އައިސްލޭންޑް
5. ނެދަލޭންޑްސް
6. ސްވިޓްޒަލޭންޑް
7. ސްވިޑެން
8. ނިއު ޒިލޭންޑް
9. ކެނެޑާ
10. އޮސްޓްރިއާ