Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ދުބާއިން ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓު އުފައްދައިފި

ޝުމުޚް ('ސްޕިރިޓް އޮފް ދުބާއި')ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓު، ދުބާއިގައި ލޯންޗްކޮށްފި އެވެ.

ގިނެސް ވާރލްޑް ރެކޯޑްގެ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ މި ސެންޓުފުޅީގައި 3،571 ޖަވާހިރާއި ޓޯޕެޒް، މުތް އަދި ރަން ފަދަ އެހެނިހެން އަގުހުރި އެއްޗެހި ހިމެނެއެވެ. މި ސެންޓުފުޅި އަކީ ޢަރަބް އިމާރާތުގެ ވާހަކަ ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓުފުޅި އެކެވެ. އެގޮތުން އެ ފުޅީގައި އަރަބި އަސްތަކާއި، ފިނިފެންމާގެ އިތުރުން ދޫނިތައް ފެންނަން ހުރެއެވެ.

ދިގުމިނުގައި 1.97 މީޓަރު ހުންނަ މި ފުޅި އެކަނި ހެދުމަށް ތިން އަހަރަށްވުރެ ގިނަ ދުވަސް (494 ފަހަރު) ނެގި އެވެ. ޢަރަބި ބަހުން "ޝުމުޚް"ގެ މާނައަކީ "އެންމެ މަތީ ދަރަޖަ ޙައްޤުވާ" އެވެ. މި ސެންޓަކީ ދުނިޔޭގެ އެންމެ ދުރު ކަންކޮޅުތަކުން ނަގާފައިވާ މާއްދާތަކަކުން ތައްޔާރުކޮށްފައިވާ، އެފަދަ ދެވަނައެއް ނެތް ސެންޓެކެވެ.

މި ސެންޓުގައި ސެންޑަލްވުޑް އާއި މަސްކް އަދި ޓާކިޝް ރޯސް އާއި ޕަޗޫލީ، އީލަންގ-އީލަންގ އަދި އަގާވުޑްގެ ވަސްތައް އެކުލެވިގެން ވެއެވެ.

މި ސެންޓު އުފައްދާފައި ވަނީ ނަބީލް ޕާފިއުމްސް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން، އަސްޣަރް އާދަމް އަލީ އެވެ. އޭނާ ވަނީ މި ސެންޓު އުފެއްދުމަށްޓަކައި ދުނިޔޭގެ އެންމެ މޮޅު އަދި ހުނަރުވެރި ފަންނުވެރިން ހޯދާފައެވެ.

މި ސެންޓުފުޅި އަކީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ ސެންޓެއްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މި ސެންޓަށް ވަނީ ގިނެސް ވާރލްޑް ރިކޯޑްގެ ދެ ޓައިޓަލް ލިބިފައެވެ. އެއީ އެންމެ ގިނަ ޖަވާހިރު ހަރުކޮށްފައިވާ ސެންޓުފުޅި އާއި ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ އެންމެ ދިގު ސެންޓުފުޅީގެ ލަޤަބެވެ.

މި ހިނގާ މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާޗު 30ގެ ނިޔަލަށް "ޝުމުޚް"، ދަ ދުބާއި މޯލްގެ ފެޝަން އެވެނިއުގައި ޑިސްޕްލޭކޮށްފައި ހުންނާނެ އެވެ. މި މުއްދަތުގެ ތެރޭގައި މޯލަށް ޒިޔާރަތްކޮށް، ސެންޓުފުޅި ބަލާލުމުގެ އިތުރުން ވަކިވަކި ސެންޓުފުޅިތައް ގަނެ، އެ ފުޅިތަކުގައި ބޭނުން އެއްޗެއް ޖެހުމުގެ ފުރުސަތު ވެސް އާންމުންނަށް ވަނީ ހުޅުވާލާފައެވެ.