Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

އިންޑޮނީޝިއާގެ ފުރަތަމަ މެޓްރޯ ޖަކާޓާގައި ހުޅުވައިފި

ތޮއްޖެހުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަގު އަންނަ އަހަރު 6.5 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ - ފޮޓޯ: އަންތާރާ ފޮޓޯ އޭޖެންސީ / ރޮއިޓާސް

އިންޑޮނީޝިއާގެ ފުރަތަމަ ސަބްވޭ، އެޤައުމުގެ ވެރިރަށް ޖަކާޓާގައި ހުޅުވައިފި އެވެ. ސަބްވޭ ހުޅުވުން ވެގެންދާނީ އެޤައުމުގައި ބޮޑުވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ލިބިގެންދާނެ ހައްލަކަށެވެ.

16 ކިލޯމީޓަރުގެ މި ސަބްވޭ އިފްފިތާޙްކޮށްދެއްވުމަށްފަހު ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އިތުރު ސަބްވޭ ލައިނެއްގެ ފެށުން ވެސް އިފްތިތާޙްކޮށްދެއްވައިފަ އެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ހަމަޖައްސާފައިވާ ސަބްވޭގެ ދެވަނަ ފޭސް އަކީ އަށް ކިލޯމީޓަރުގެ ލައިނެކެވެ.

މި ދެ މަޝްރޫޢުގެ އަގަށް 2.6 ބިލިއަން ޑޮލަރު އަރައެވެ.

މިއަދު ހުޅުވުނު ސަބްވޭ ލައިންގެ މަތިން އަޅާފައިވާ ހަތް ސްޓޭޝަން އާއި ބިމުއަޑިން އަޅާފައިވާ ހަ ސްޓޭޝަން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްގެންގޮސްފައި ވަނީ އިންޑޮނީޝިއާ އަދި ޖަޕާންގެ ކުންފުނިތަކެއް ގުޅިގެންނެވެ.

މި މަސް ނިމެންދެން ފަސިންޖަރުންނަށް ސަބްވޭ ޚިދުމަތް ހިލޭ ހޯދޭނެ އެވެ. އޭގެ ފަހުން ސަބްވޭ އޮޕަރޭޓްކުރާ ޕީޓީ އެމްއާރްޓީ ޖަކާޓާ އިން ބުނީ 70 ސެންޓާއި 1 ޑޮލަރާއި ދެމެދުގެ އަގެއްގައި ޓިކެޓްތައް ވިއްކަން ފަށާނެ ކަމަށެވެ.

ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ވިޑޯޑޯ މިއަދު ވިދާޅުވީ، 87 ކިލޯމީޓަރުގެ ހުޅަނގު އިރުމަތީ ސަބްވޭ ލައިންގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވެދާން އަށް އިރުޝާދުދެއްވާފައިވާ ކަމަށެވެ.

ޖަކާޓާގައި 10 ގާތްގަނޑަކަށް 10 މިލިއަން މީހުން ދިރިއުޅެމުންދާއިރު، މެޓްރޮޕޮލިޓަން ސަރަޙައްދުގެ އާބާދީ 30 މިލިއަނަށް އަރައެވެ.

ޖަޕާން އިންޓަނޭޝާނަލް ކޯޕަރޭޝަން އޭޖެންސީ އިން ނަގާފައިވާ ލޯނަކުން ފަންޑުކޮށްފައިވާ މި މަޝްރޫޢަކީ 1980ގެ އަހަރުތަކުން ފެށިގެން ރާވައިވާ މަޝްރޫޢެކެވެ. ނަމަވެސް ސިޔާސީ މައްސަލަތަކާއި ފައިސާގެ މައްސަލަތަކުގެ ސަބަބުން މި މަޝްރޫޢު އޮތީ މިއަދާ ހަމައަށް ލަސްވެފައެވެ.

އެންމެ ފަހުން ސަބްވޭ ކޮންސްޓްރަކްޝަން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ފެށިގެންދިޔައިރު ވިޑޯޑޯ ހުންނެވީ ޖަކާޓާގެ ގަވަރުނަރުގެ މަޤާމްގަ އެވެ.