Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

އެފްރިކާގެ ޤައުމްތަކަށް އެރި ނަގޫރޯޅީގައި މަރުވި މީހުންގެ އަދަދު 750 އަށް

ނަގޫރޯޅީގެ ސަބަބުން ތިން ޤައުމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި - ފޮޓޯ: ބިޒްނަސް ލައިވް

ދެކުނު އެފްރިކާގެ ތިން ޤައުމަކަށް މީގެ 10 ދުވަސް ކުރިން އެރި ސައިކްލޯން އީޑާއިގެ ސަބަބުން މަރުވި މީހުންގެ އަދަދު 750 އަށްވުރެ މައްޗަށް އަރާފައިވާއިރު، ކަރަންޓާއި ފެނުގެ ޚިދުމަތް އަލުން ޤާއުމްކޮށް، ކޮލެރާ ފެތުރުން ހުއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އެ ނަގޫރޯޅީގެ ސަބަބުން މޮޒަމްބީގްގައި މަރުވި މީހުންގެ އަދަދު 446 އަށް އަރާފައިވާއިރު، ޒިމްބާބްވޭގައި ވަނީ 259 މީހުން މަރުވެފަ އެވެ. އަދި މަލާވީގައި މަދުވެގެން 56 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން ތިން ޤައުމް އެއްކޮށްލައިގެން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 761 އަށް އަރާފައެވެ.

މަރުވި މީހުންގެ އަދަދު އަދިވެސް ޔަޤީންވެފައި ނުވާ ކަމަށް މޮޒަމްބީގްގެ އެންވަޔަރަމެންޓް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި ފެންގަނޑުތައް މަޑުމަޑުން ހިނދެމުންދާއިރު، އިތުރަށް މަރުވި މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ.

މޮޒަމްބީގްގެ ރައީސް މީގެ ކުރިން ވިދާޅުވި ގޮތުގައި ނަގޫރޯޅީގެ ސަބަބުން މަރުވި މީހުންގެ އަދަދު އެޤައުމްގައި އެކަނި 1،000 އަށް އަރާނެ ކަމަށެވެ. ނަމަވެސް ރެސްކިއު ޓީމްތަކުން ބުނާ ގޮތުގައި އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސައިކްލޯން އީޑާއި އެރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގާތްގަނޑަކަށް 110،000 މީހުން ދަނީ ކޭމްޕްތަކުގައި ދިރިއުޅެމުންނެވެ.

މޮޒަމްބީގްގެ އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވި ގޮތުގައި ތޫފާންގެ ސަބަބުން ކޮލެރާ ފެތުރުމަކީ ޔަޤީންކަމެއް ކަމަށާއި، ކޮލެރާ އަށް ފަރުވާދޭ ކްލިނިކެއް ބެއިރާގައި ޤާއިމްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ކޮލެރާގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން މަދިރި ގިނަވުމާއެކު، މެލޭރިއާގެ ބިރު ހީވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.