Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އަނެއްކާވެސް އެއް ރަށަކުން 800 ރުއް ނަގަން ތައްޔާރުވެއްޖެ

މީގެ ކުރިން ގިނަ އަދަދެއްގެ ރުއްތައް ނަގައިގެން ބޭރު ކުރަނީ: ފޮޓޯ - ސޯޝަލް މީޑިޔާ

ރިސޯޓުތައް ހެދުމަށް ރާއްޖޭގެ ރަށްތަކުން ރުއްގަސް ނެގުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، އަނެއްކާވެސް މ. އަތޮޅު މުލަކުން އެއް ފަހަރާ 800 އަށްވުރެ ގިނަ ރުއް ނެގުމަށް ތައްޔާރުވެއްޖެއެވެ.

މުލަކު ކައުންސިލުން 800 ރުއް ނެގުމަށް އިއުލާންކޮށްފައިވާއިރު ކައުންސިލުން ވަނީ ރުއް ނެގޭނީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ކަމަށް ބުނެފައެވެ. ކައުންސިލާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރުއް ނަގަން އިއުލާން ކޮށްފައިވަނީ މުލަކުގައި ބޯޅަ ދަނޑު އެޅުމަށާއި ގޯތި ދޫކުރިތަނުން މަގު ހެދުމަށާއި ކުނިކޮށްޓަށް ދާން މަގު ހެދުމަށް ކަމަށެވެ.

ޖުމުލަ 819 ރުއް ނެގުމަށް ކައުންސިލުން އިއުލާން ކޮށްފައިވާއިރު އެ ރުއްތައް ނެގުމަށް ފަހު އަލުން އިންދާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެހާ ގިނަ ރުއްތައް ނެގުމަކީ ކައުންސިލަށް ކުރެވޭނެ ކަމަކަށް ނުވާތީ އެކަން ކުރުމަށް އާންމުންނަށް ހުޅުވާލީވެސް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ނަމަވެސް ރާއްޖޭގައި ފަހަކަށް އައިސް މިހާ ގިނަ އަދަދަކަށް ރުއް ނަގަނީ އާ ރިސޯޓުތަކުގައި ޖެހުމަށެވެ. އެފަދަ ކަންކަން ކުރަނީ ނަގަން ޖެހޭ ހުއްދަ ވެސް ނަގައިގެން ކަމަށް ރިސޯޓުތަކުން ބުނާއިރު ސަރުކާރުން ތިމާވެއްޓަށް އެފަދަ ނުރައްކާ ކުރިމަތިވާއިރު ނުހުއްޓުވާތީ ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.