Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޒިޔާދާގެ މައްސަލާގައި ގިނަ ހެކިތަކަށް ކޯޓުން ރިއާޔަތް ނުކުރޭ: ޕީޖީ

ޒިޔާދާ ނައީމު

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ  ޒިޔާދާ ނައީމްގެ ފިރިމީހާ، އިބްރާހީމް ޝާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހުށަހަޅާފައިވާ ގިނަ ހެކިތަކަށް ރިއާޔަތް ނުކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޒިޔާދާ މަރުވި މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރިއެވެ. ނަމަވެސް އެ ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޒިޔާދާގެ މަރުގެ މައްސަލާގައި ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާގ ތަފްސީލުތައް ހާމަކޮށްފައެވެ. ޝާހުގެ މައްޗަށް އުފުލި ދައުވާތަކަކީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

އެގޮތުން ޝާހުގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއްކުރުމާއި، މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޒިޔާދާގެ ނުރުހުމުގައި، ޒިޔާދާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ޒިޔާދާގެ ބޮލަށާއި، ހަށިގަނޑުގެ އެކިތަންތަނަށް ދިން އަނިޔާތަކުގެސަބަބުން، ޒިޔާދާގެ ހާލަތު ގޯސްވަމުން ގޮސް، ޒިޔާދާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ނިޔާވެފައިވާތީ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރޭޕްކުރުމުގެ ކުށުގެ ދައުވާ ޝާހުގެ މައްޗަށް އުފުލާފައިވަނީ 03 ޑިސެމްބަރު 2015 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒިޔާދާ ޝާހުގެ ގެއަށް ގެންގޮސް، ޒިޔާދާގެ ރުހުމާ ނުލައި، ޒިޔާދާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ޒިޔާދާ ރޭޕްކޮށްފައިވާތީއެވެ.

މީގެއިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޒިޔާދާ ނިޔާވި މައްސަލާގައި ޝާހުގެ މައްޗަށް އުފުލުނު ތުހުމަތުތަކާ ގުޅިގެން، ޝާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޝާހުގެ އެޕަލް އައިފޯން ނަގައި އެފޯނުގައި ހިމެނޭ ތަކެތި ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެނަލައިސްކުރިއިރު، އެ ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ ފެނިފައިވާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާގެ އުންސުރުތައް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު އެ ހެކިތަކަށް ދަށު ކޯޓުން އެކަށީގެންވާ ބުރަދަނެއް ދީފައިވާ ކަމަށް ނުދެކޭ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ ނިންމުމުން ހައިކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގަ ބުނެފައިވެއެވެ.