Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ގޭގައި ހިތާނުކޮށްގެން އިޓަލީގައި ފަސް މަހުގެ ކުއްޖަކު މަރުވެއްޖެ

ގޭގައި ހިތާނުކުރުމާއި ގުޅިގެން އިޓަލީގައި އުމުރުން ފަސް މަހުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކާޑިއެކް އެރެސްޓެއް ޖެހުމުގެ ސަބަބުން ހުކުރު ދުވަހުގެ ރޭ އެކުއްޖާ ވަނީ ބޮލޯނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް އެކުއްޖާ ވަނީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު ރެޖިއޯ އެމީލިއާ ޕްރޮވިންސްގައި ކަމާބެހޭ ފަރާތްތަކުން ވަނީ އެކުއްޖާގެ މައިންބަފައިންނާއި ދެކޮޅަށް ތަޙުޤީޤެއް ފަށައިފަ އެވެ. އެނގިފައިވާ ގޮތުގައި އެމީހުންނަކީ ގާނާ އަށް ނިސްބަތްވާ މީހުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރޯމްގައި މައިގްރެންޓް ސެންޓަރެއްގައި ވެސް ހިތާނުކުރަން އުޅުމުގެ ތެރޭގައި ދެ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.

އިޓަލީގައި އަހަރަކު ގާތްގަނޑަކަށް 5،000 ކުދިން ހިތާނުކުރާއިރު، ގިނައިން ކުދިން ހިތާނުކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށް ސިއްޙަތާއި ބެހޭ ޗެރިޓީއެއް ކަމުގައިވާ އަމްސީ އިން ބުނެއެވެ.

އިޓަލީގައި މެޖޯރިޓީ އޮންނަ ދީނަކީ ރޯމަން ކެތޮލިކް ކަމުގައިވާއިރު، ސިއްޙީ ޚިދުމަތްދޭ އާންމު ތަންތަނުގައި ހިތާނުކުރުމެއް ނޯވެއެވެ.

އިޓަލީގެ ގިނަ އިމިގްރެންޓުންނަކީ މުސްލިމް ޤައުމްތަކުން އަންނަ މީހުންނެވެ. އަދި އިސްލާމީ ޤައުމްތަކުގައި ހިތާންކުރުމަކީ ވަރަށް އާންމު ކަމެކެވެ.