Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

މުސާރައިގެ 80% ހަދިޔާކުރާ ކެންޔާގެ ޓީޗަރަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް ލިބިއްޖެ

ކޮންމެ މަހަކު ލިބޭ މުސާރައިގެ 80% ފަޤީރުންނަށް އެހީވުމަށް ހަދިޔާކުރާ، ކެންޔާ އަށް ނިސްބަތްވާ ހިސާބު އަދި ފިޒިކްސް ޓީޗަރަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް ލިބިއްޖެ އެވެ.

ޕީޓާ ޓަބީޗީ އަށް ވާކީ ފައުންޑޭޝަން ގްލޯބަލް ޓީޗަރ ޕްރައިޒް ދީފައި ވަނީ އެކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްސަ ޙަފްލާއެއްގަ އެވެ.

އޭނާ އަކީ ވާނީ ވިލެޖުގައި ހުންނަ ކެންޔާގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެކެވެ. އެ ސްކޫލްގައި ހުންނަނީ އެންމެ ކޮމްޕިއުޓަރެއް ކަމުގައިވާއިރު، އިންޓަނެޓް ކަނެކްޝަން ވެސް އެހާ ރަނގަޅެއް ނޫނެވެ. އަދި އެ ސްކޫލްގައި ކޮންމެ 58 ދަރިވަރަކަށް އެއް ޓީޗަރަކު ހުންނައިރު، ގިނަ ދަރިވަރުންނަކީ ފަޤީރު އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. އަދި ތިންބައިކުޅަ އެއްބައި ދަރިވަރުންނަކީ ޔަތީމުންނާއި މިސްކީނުންނެވެ.

ވާކީ ފައުންޑޭޝަން އިން އާންމުކޮށްފައިވާ ޓަބީޗީގެ ޕްރޮފައިލްގައި ބުނެފައިވާ ގޮތުން ކްލާހުގައި ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި ތަޢުލީމީ ކޮންޓެޓް ހޯދުމަށް އޭނާ އިންޓަނެޓް ކެފޭތަކަށް ޒިޔާރަތްކުރެއެވެ.

ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މިހާރު ދަރިވަރުން ބައިވެރިކުރުވާ އެ ސްކޫލްގެ ސައިންސް ކްލަބް ހިންގުމުގައި ވެސް އޭނާ ވަނީ ބޮޑު ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން ހިސާބު ސައިންސް ޓީމުން ވަނީ މި އަހަރު އެރިޒޯނާގައި ބާއްވާ އިންޓެލް އިންޓަނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއަރގައި ބައިވެރިވުމަށް ކޮލިފައިވެފަ އެވެ. އަދި ގަހެއް ބޭނުންކޮށްގެން ކަރަންޓު އިއާދަކުރުމާއި ގުޅިގެން އޭނާގެ ދަރިވަރުންނަށް ވަނީ ރޯޔަލް ސޮސައިޓީ އޮފް ކެމިސްޓްރީ އިންވެސް އެވޯޑެއް ދީފައެވެ.

ޓަބީޗީގެ ދަރިވަރުންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ދަތިކަމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ފުރާވަރު އުމުރުގައި ބަނޑުބޮޑުވުމާއި، ހަނގު އުމުރުގައި ކައިވެނި ކުރުން ފަދަ މައްސަލަތައް ހިމެނެއެވެ. އެހެންނަަމަވެސް ޓަބީޗީ ކިޔަވައިދޭ ކެރިކޯ މިކްސްޑް ޑޭ ސެކަންޑަރީ ސްކޫލަށް ވަންނަ ކުދިންގެ އަދަދު ވަނީ ތިން އަހަރުގެ ތެރޭގައި ދެގުނަ މައްޗަށް ގޮސްފައެވެ. އަދި ގިނަ ދަރިވަރުންތައް ކޮލެޖަށްދާ ކަމަށްވެސް އޭނާގެ ޕްރޮފައިލްގައި ބުނެފައި ވެއެވެ.

އޭނާއަށް އެވޯޑް ދިނީ އެކުވެރި އަރަބް އިމާރާތުގެ ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި، މަޝްހޫރު އެކްޓަރ ހިއު ޖެކްމޭން އެވެ.