Last Updated: April 18, 17:05
Thursday, April 18, 2024
ދުނިޔެ

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި އެއް އާއިލާއެއްގެ ހަތަރު މީހުން މަރުވެއްޖެ

ދެކުނު އިންޑިއާގެ ޓެމިލް ނާޑު ސްޓޭޓްގެ ވިރުދުނާގަރް ޑިސްޓްރިކްޓްގައި ހިނގި އެކްސިޑެންޓެއްގައި ބެންގަލޫރަށް ނިސްބަތްވާ އެއް އާއިލާއެއްގެ ހަތަރު މީހުން މަރުވެއްޖެ އެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކުރާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ އެމީހުން ތިރުޗެންދޫރް އާސް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އިތުރު މީހަކަށް އަނިޔާވެފައިވާއިރު، އޭނާ ވަނީ ފަރުވާއަށް ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރުފަހު ރާއްޖޭ ގަޑިން 14:30 ހާއިރު، ހަތް މީހުންނާއެކު ދަތުރުކުރަމުންދާ ވެހިކަލެއް މަގުގެ ދެ ފަރާތް ވަކިކުރާ ތަނުގައި ޖެހި، ފުރޮޅާލައިގެންނެވެ. އެ ވެހިކަލް ހުއްޓުމަކަށް އައިސްފައި ވަނީ މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ބަހައްޓާފައިހުރި ދަގަނޑު ބެރިކޭޑެއްގައި ޖެހުމުންނެވެ. ވަގުތުން ހަތަރު މީހުން މަރުވެފައިވާއިރު، ތިން މީހަކު ވަނީ ސަލާމަތްވެފައެވެ.

ފުލުހުން ވަނީ މި ހާދިސާގެ ޚަބަރު ލިބުމާއެކު އެ ސަރަޙައްދަށް ގޮސް، މަރުވި މީހުންގެ ހަށިގަނޑުތައް ޕޯސްޓްމޯޓެމް ހެދުމަށްޓަކައި ސަރުކާރު ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.

މަރުވެފައި ވަނީ ބެންގަލޫރުގެ ގޯވިންދަރާޖް ނާގަރް އަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ކަންނަންވެލް އާއި އޭނާގެ އަންހެން ބިންދޫ (45 އ.) އާއި އޭނާގެ ބައްޕަ ކަމަލަކަންނަން (75 އ.) އަދި އޭނާގެ މަންމަ ބްރަހްމަކުމާރީ (70 އ.) އެވެ. އެ ވެހިކަލްގައި ދެން ތިބީ ކަންނަންވެލްގެ އަންހެން ދަރިފުޅު ވޭޝްނަވީ އާއި އޭނާގެ ބޭބެގެ ދަރިފުޅު ހޭމަންތު އާއި ވޭޝްނަވީގެ ރައްޓެއްސެއް ކަމުގައިވާ އަވިނާޝް އެވެ. ހޭމްނަތު އާއި އަވިނާޝް އަށް އެއްވެސް އަނިޔާއެއް ވެފައި ނުވާއިރު، ވޭޝްނަވީ އަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ވަނީ ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނާ ގޮތުގައި އެކްސިޑެންޓްވި ވެހިކަލް ދުއްވަން އިނީ ކަންނަންވެލް އެވެ. މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.