Last Updated: April 16, 23:13
Tuesday, April 16, 2024
ދުނިޔެ

މާލީ އަށް ދިން ހަމަލާއެއްގައި 130 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ މާލީގެ ވިލެޖަކަށް ޑޯގޮން ޝިކާރަވެރިންގެ ހެދުން އަޅައިގެން ތިބި ބަޔަކު މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާގައި 130 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ރިޕޯޓްތައް ބުނެފި އެވެ.

ބަޑިހިފައިގެން ތިބި ބަޔަކު ވަނީ ހޮނިހިރު ދުވަހުގެ ފަތިހު މޮޕްތީ ސަރަޙައްދުގެ އޮގޮސަގޫ ވިލެޖު ވަށާލައި، އެއަށްފަހު މީހުންގެ ގޭގައި ތިއްބައި ހަމަލާދީފަ އެވެ.

ހަމަލާތައް އަމާޒުކޮށްފައި ވަނީ ޖިހާދުކުރާ މީހުންނާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ފުލާނީ ނަސްލުގެ މީހުންނަށެވެ.

މި ހަމަލާ ހިނގާފައި ވަނީ އިތުރުވެފައިވާ ހަމަނުޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އދ ގެ އެމްބެސެޑަރުން މާލީގައި ތިއްބައެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލް އިން ވަނީ މާލީގެ ބޮޑުވަޒީރާއި ބައްދަލުކޮށް، ޖިހާދު ހަނގުރާމަވެރިންގެ ބިރު ބޮޑުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

"އޭއެފްޕީ" އިން ރިޕޯޓްކުރާ ގޮތުގައި ހަމަލާގައި މީހުން މަރާލާފައި ވަނީ ބަޑި އާއި ބަރު ވަޅި ބޭނުންކޮށްގެން ކަމަށެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުގައި އެ ވިލެޖުގެ ހުރިހާ ގެތަކެއް ވަނީ އަނދާ ހުލިވެފައެވެ.