Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ޖެޓް އެއާވޭސްގެ ފައުންޑަރ މަޤާމުން އިސްތިއުފާދެއްވައިފި

ޖެޓް އެއާވޭސް އަކީ އިންޑިއާގެ އެންމެ ދުވަސްވީ ޕްރައިވެޓް އެއާލައިން - ފޮޓޯ: ގެޓީ އިމޭޖެސް

މާލީ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާގެ އެއާލައިނެއް ކަމުގައިވާ ޖެޓް އެއާވޭސްގެ ފައުންޑަރ، ކުންފުނީގެ ޗެއާމަންގެ މަޤާމުން އިސްތިއުފާދެއްވައިފި އެވެ.

ނަރޭޝް ގޯޔަލްގެ އިސްތިއުފާ އާއެކު، އިންޑިއާގެ އެންމެ ދުވަސްވީ ޕްރައިވެޓް އެއާލައިން ސަލާމަތްކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާގޮތުން ކުންފުނީގެ ބާރު ދޫކޮށްލުމަށް ގޯޔަލް ބޭނުންނުވުމުގެ ސަބަބުން އިންވެސްޓަރުން ތިބީ ކުންފުނި ފަންޑްކުރުމަށް ޖެހިލުންވެފަ އެވެ.

ޖެޓް އެއާވޭސްގެ ދަރަނި އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާއިރު، މުވައްޒަފުންނާއި ސަޕްލައަރުންނަށް މުސާރަ ނުދެވުމުގެ ސަބަބުން އެއާލައިނުން ވަނީ ބައެއް ފްލައިޓްތައް ބޭނުންކުރުން ހުއްޓާލާފައެވެ.

ގޯޔަލް އިސްތިއުފާދެއްވައިފިކަން އިއުލާންކުރުމާއެކު، އިއްޔެ އެކުންފުނީގެ ހިއްސާ ވަނީ 12% މަތިވެފައެވެ.

އެކުންފުނިން ބުނީ ހިއްސާތައް އާ އިންވެސްޓަރުންނަށް ވިއްކަން ފަށަންދެން، ކުންފުނި ހިންގުމަށް ބޭންކްތަކުން 210 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެކުންފުނިން ބޭންކްތަކަށް ދައްކަން ހުރި ދަރަނި ހިއްސާއަށް ބަދަލުކުރާނެ އެވެ. އޭގެ ސަބަބުން ގޯޔަލްގެ ކުންފުނީގައި ގޯޔަލްގެ ހިއްސާ މަދުވެގެންދާނެ އެވެ.

މިހާރު އޮތް ގޮތުންނަމަ، ގޯޔަލް އާއި އޭނާގެ އާއިލާއިން އެއާލައިންގެ 52% ހިއްސާކުރެއެވެ. މައްސަލަ ނިމިގެންދާއިރު އެމީހުންނަށް ލިބޭނީ ކިހާވަރެއްގެ ހިއްސާއެއްކަން ސާފުނުވިނަމަވެސް، އެމީހުންގެ ހިއްސާގެ ބޮޑުބައި ދާނީ ބޭންކްތަކަށެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި ޖެޓް އެއާވޭސް 119 އެއާކްރާފްޓްގެ ތެރެއިން ތިންބައިކުޅަ ދެބައި އެއާކްރާފްޓްތައް ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. އެތައް ހާސް ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން ޑޮމެސްޓިކް އަދި ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ޕައިލެޓުންގެ ޖަމިއްޔާއަކުން ވަނީ މާޗު މަހުގެ ނިޔަލަށް މުސާރަތައް ނުދީފިނަމަ، އެ ޖައްމިޔާގެ މެމްބަރުން ޖެޓް އެއާވޭސްގެ ފްލައިޓްތަކުގައި މަސައްކަތްކުރުން ހުއްޓާލާނެކަމުގެ އިންޒާރު ދީފައެވެ.