Last Updated: April 23, 12:01
Tuesday, April 23, 2024
ދުނިޔެ

އިރާންގައި ފެންބޮޑުވެ 19 މީހުން މަރުވެއްޖެ

އިރާންގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ މާދަމާ އާއި ހަމައަށް 12 ޕްރޮވިންސަކަށް އެލާޓް ނެރެފައި - ފޮޓޯ: އޭއެފްޕީ

ހުޅަނގު އަދި ދެކުނު އިރާންގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 19 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ފަރްސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި މިދުވަސްވަރު ކުރަން ރާވާފައިހުރި ދަތުރުތައް ކެންސަލް ކުރުމަށާއި، އިތުރަށް ވާރޭވެހޭނެކަމުގެ އިންޒާރުތައް ސަރުކާރުން ވަނީ ދީފައެވެ.

އެގޮތުން ހޯމަ ދުވަހު އިރާންގެ އިންޓީރިއަރ މިނިސްޓްރީ އިން ވަނީ ރާވާފައިހުރި ދަތުރުތައް ކެންސަލްކުރުމަށް ރައްޔިތުންނަށް އަންގާފައެވެ. އަދި ޑިޒާސްޓަރ މެނޭޖްމަންޓް އޯގަނައިޒޭޝަން އިން ދޭ އިންޒާރުތައް ސީރިއަސްކޮށް ނެގުމަށްވެސް އެ މިނިސްޓްރީ އިން ވަނީ އަންގާފައެވެ. ޑިޒާސްޓަރ މެނޭޖްމަންޓުން ދަނީ ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ މަގުތަކުގެ މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް މީހުންނަށް ފޯރުކޮށްދެމުންނެވެ.

އިރާންގައި ފެންބޮޑުވެފައި މިވަނީ އެޤައުމުގެ އާ އަހަރު ކަމުގައިވާ ނޯރުޒްގެ ޗުއްޓީ އާއި ދިމާކޮށް، ގިނަ މީހުން ދަތުރުކުރާ ދުވަސްވަރެއްގަ އެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސިޓީގެ މީހެއް ކަމުގައިވާ ޝިރާޒް، "އަލްޖަޒީރާ" އަށް ބުނި ގޮތުގައި ފެންބޮޑުވެފައި ވަނީ 15 މިނެޓުގެ ވަގުތުކޮޅަކަށް ދެ ފަހަރުގެ މަތިން ވެހުނު ވާރޭގެ ސަބަބުން ކަމަށެވެ.

އިރާންގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުދަ ދުވަހާއި ހަމައަށް 12 ޕްރޮވިންސަކަށް އެލާޓް ނެރެފައެވެ.

ވެރިރަށް ތެހްރާންގެ މެހްރަބާދް އިންޓަނޭޝަލަން އެއާޕޯޓުން ފުރާ އަދި އަންނަ ފްލައިޓްތައް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޑިލޭކޮށްފައެވެ. އަދި ބައެއް ފްލައިޓްތައް ވަނީ އެއްކޮށް ކެންސަލްކޮށްފަ އެވެ. ޚަބަރުތައް ބުނާގޮތުން މަދުވެގެން 22 ރޫޓެއް ވަނީ މޫސުމުގެ ސަބަބުން ބްލޮކްވެފަ އެވެ.