Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ކޮދިއްޕަރު ރިސޯޓު ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުންނާއި ހަވާލާދީ "ވަން އޮންލައިން" އިން ރިޕޯޓްކުރާ ގޮތުގައި އެ ރިސޯޓާ ދިމާލު ކަނޑު ތެރެއިން ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާއި، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު އިރުއޮއްސި 18:36 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފަހަކަށް އައިސް ކަނޑުމަތީ ހާދިސާތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިމަހުގެ ކުރީކޮޅު މަޑިވަރު ފިނޮޅު ކައިރީ މޫދުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާވެސް ވަނީ ފެނިފައެވެ. އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ޗައިނާގެ ފިރިހެން ފަތުރުވެރިއެކެވެ.