Last Updated: April 24, 22:15
Wednesday, April 24, 2024
ވިޔަފާރި

ވާވޭގެ ޕީ30 ޕްރޯ ދައްކާލިއިރު، ސްމާޓް އައިނު ނެރުމަށް ތައްޔާރުވަނީ

ވާވޭގެ އެންމެފަހުގެ ފޯނު ޕީ30 ޕްރޯ ދައްކާލުމަށް އިއްޔެ ބޭއްވި ހަފްލާއެއްގައި އެ ކުންފުނީން ވަނީ ކޮރެއާގެ ފެޝަން ބްރޭންޑެއްކަމަށްވާ ޖެންޓަލް މޯންސްޓާއާ ގުޅިގެން ފުރަތަމަ ފަހަރަށް ސްމާޓް އައިނު ނެރެން ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

ފްރާންސްގެ ޕެރިހުގައި އިއްޔެ ބޭއްވި މި ހަފްލާގައި އެ ކުންފުނީގެ އެންމެފަހުގެ ފޯނުތައް ކަމަށްވާ ވާވޭ ޕީ30 ޕްރޯގެ އިތުރުން ޕީ30 ވަނީ ދައްކާލައިފައެވެ. ވާވޭގެ ޕީ30 ޕްރޯގެ އެންމެ ހާއްސަ ފީޗާސްތަކުގެ ތެރޭގައި 10 ގުނައަށް ޒޫމްކޮށްލައިގެން ފޮޓޯ ނެގުން ހިމެނެއެވެ.

ވާވޭ އިން އަމިއްލަ އަށް އުފައްދާފައިވާ ކިރިން 980 ޕްރޮސެސަރެއް އެކުލެވިގެންވާ މި ފޯން ގަންނަ ފަރާތްތަކަށް 6 ޖީބީ ރެމް ނުވަތަ 8 ޖީބީގެ ރެމްގެ ވާޝަން އިހުތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ހަމައެހެންމެ، ޕީ30 ޕްރޯގެ 128 އާއި 256 އަދި 512 ޖީބީ ސްޓޯރޭޖްގެ ފޯން ލިބެން ހުންނާނެއެވެ.

ފަހަކަށް އައިސް ވާވޭ އިން ނެރެމުން އަންނަ ފޯންތަކަކީ ވަރުގަދަ ކެމެރާތަކާއެކު ނެރޭ ފޯންތަކަށްވާއިރު ޕީ30 ޕްރޯ ގައިވެސް ހަތަރު ކެމެރާ ހިމަނާފައިވެއެވެ. މި ފޯނުގައި އަލްޓްރާ ވައިޑް އޭންގަލްގެ 20 މެގަޕިކްސެލް ކެމެރާއަކާއި މެއިން ސެންސާގެ ގޮތުގައި 40 މެގަޕިކްސެލް ކެމެރާއެއް ހިމަނާފައިވެއެވެ. މީގެއިތުރުން، ޓެލެފޮޓޯ އަށް 125 އެމްއެމްގެ ކެމެރާއަކާއި ސެލްފީ ކެމެރާގައި ސުޕަ އެޗްޑީއާރް އަދި ސުޕަ ލޯ ލައިޓްއާއެކު 32 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ.

ޕީ30 ޕްރޯގެ ސްކްރީނަކީ 6.47 އިންޗީގެ ރިޒޮލިއުޝަނެއްގެގޮތުގައި 2340 ގުނަ 1080 އެވެ. މި ފޯންގައި 4،200 މިލިއެމްޕްގެ ބެޓެރިއެއް ހިމަނާފައިވާއިރު މި ބެޓެރި ބައި ގަޑިއިރުން 70 ޕަސެންޓަށް ޗާޖުވެއެވެ.

ފަހުގެ އެހެން ފޯނުތަކާއި އެއްގޮތަށް ފިންގަޕްރިންޓް ސެންސަ ހިމަނާފައި ވަނީ ވެސް ސްކްރީންގައެވެ. އެހެންނަމަވެސް، މިހާރު ނެރެމުން އަންނަ އެހެން ފޯނުތަކާއި ހިލާފަށް ސްކްރީންގެ މަތިން ކަޅު ކުލައިގައި ހުސްކޮށް ފެންނަ ތަން ނުވަތަ ނޮޗް ވަނީ މި ފޯނުގައި ވަރަށް ކުޑަކޮށެވެ. ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކުގައި ހުންނަހެން ކުރިމައްޗާއި ފަހަތުގައި ވެސް މި ފޯނުގައި ލާފައި ވަނީ ބިއްލޫރި އެވެ.

ވާވޭގެ އެންމެފަހުގެ އާ ފްލެގްޝިޕް ފޯންތައް ދައްކާލުމަށް އިއްޔެ ބޭއްވި ހަފްލާގައި އެ ކުންފުނިން ވަނީ ވަރަށް އަވަހަށް ސްމާޓް އައިނު ނެރެން ތައްޔާރުވަމުންދާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނިން ވަނީ ލޮލުގައި އަޅާ ރީތި އައިނު އުފެއްދުމުގައި މުޅި އޭޝިޔާގައިވެސް މަޝްހޫރުކަން ހޯދައިފައިވާ ޖެންޓަލް މޯންސްޓާއާ ގުޅިގެން މިހާރު އެ މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ. އާޓް ގެލެރީ އަކާއި އެއްގޮތަށް ފަރުމާކޮށްފައިވާ އެ ކުންފުނީގެ ޝޯރޫމްތައް ސީއީއޯ ހަންކޫކް ކިމް ދައްކާލައިފައިވާއިރު އޭނާ ވަނީ ރައްޓެހިން ނުވަތަ ލޯބިވެރިޔާއާ ބައްދަލުކުރަންދާއިރު ސްމާޓް އައިނު އަޅަން ބޭނުންވަނީ ކޮން ބައެއްތޯ ބުނެ އާއްމުންނާއި ސުވާލުކޮށްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން، މި ސްމާޓް އައިނުގެ ދެފަރާތުގައި ހިމެނޭ ދެ ދުނިގަނޑު ޖަހާލުމުން އެ ތަނުގައިވާ ޑުއަލް މައިކް އަދި ސްޕީކަރުތައް މެދުވެރިކޮށް އެމީހަކަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދެވޭނެއެވެ. މިއީ އައިޕީ 67 ގެ މިންގަނޑަށް ފެތޭ ޑަސްޓް އަދި ވޯޓާ ރެސިސްޓެންޓް އައިނެކެވެ. މީގެއިތުރުން، މި އައިނު ލާފައިވާ ފޮށި މެދުވެރިކޮށް ވަޔާލެސްކޮށް ޗާޖްކޮށްލެވޭއިރު ޔޫއެސްބީ-ސީ ޕޯޓަށް ކޭބަލް ޖެކް ޖަހައިގެންވެސް ޗާޖްކުރެވޭނެއެވެ.

2،200 މިލިއެމްޕްގެ ބެޓެރިއެއް ހިމަނާފައިވާ މި ސްމާޓް އައިނުގެ ތަފާތު އެކި މޮޑެލްތަކާއެކު މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާއިރު ވިއްކާނެ ވަކި އަގުތަކެއް އަދި ކަނޑައަޅާފައެއްނުވެއެވެ.