Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ސޯމާލިއާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

މިއަދު ދިން ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު އާންމުންގެ ބަޔަކު ގެންދަނީ - ފޮޓޯ: ރޮއިޓާސް

ސޯމާލިއާގެ ވެރިރަށް މޯގަޑިޝޫގެ ހޮޓެލަކާއި ރެސްޓޯރެންޓްތަކެއް ކައިރިއަށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަލަބޮލި މަކާ އަލް-މުކަރާމާ މަގުގައި މިއަދު ދިން އެ ހަމަލާގެ ސަބަބުން ކައިރި އިމާރާތްތަކަށާއި، ޕާކުކޮށްފައި ހުރި ކާރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަމީން އެމްބިއުލާންސް ސަރވިސްގެ ޑައިރެކްޓަރ އަބްދިކާދިރް އަބްދިރަހްމާން "ރޮއިޓާސް" އަށް ބުނި ގޮތުގައި ފަސް އަންހެނުންނާއެކު ޖުމްލަ 15 މީހުން މިހާތަނަށް މަރުވެފައިވާއިރު، އިތުރު 17 މީހަކަށް މި ހާދިސާގައި އަނިޔާވެފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެ ސަރަޙައްދުން 18 މީހެއްގެ ހަށިގަނޑު އޭނާ އަށް ވަނީ ފެނިފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

މޯގަޑިޝޫ އަކީ ސޯމާލިއާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އަލް-ޤައިދާ އާއި ގުޅުން އޮންނަ އަލް-ޝަބާބް ގްރޫޕުން އާންމުކޮށް ހަމަލާދޭ ތަނެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް އަލް-ޝަބާބްގެ ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކާމެދު ހިނގި ދެ ބޮމުގެ ހަމަލާއަކާއި ބަޑީގެ ހަމަލާތަކެއްގައި 15 މީހުން ވަނީ މަރުވެފަ އެވެ.