Last Updated: April 29, 20:04
Monday, April 29, 2024
ޚަބަރު

އާތް އަވާ ފާހަގަކުރުމަށް އައްޑޫގައި ހާއްސަ ހަރަކާތެއް

އާތު އަވާ ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އާތް އަވާ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކަމަށްވާއިރު މި ހަރަކާތް ކުރިއަށްދާނީ އައްޑޫ ސިޓީ ހިތަދޫ ނޭޗާ ޕާކުގައި މާދަމާ ރޭ 20:00 އިން ފެށިގެންނެވެ.

މި ހަރަކާތުގައި ތަފާތު އެކި ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭއިރު މިއީ ކަރަންޓާއި ނުލައި ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެކަން ދެއްކުމުގެ މަގުސަދުގައި ބޭއްވޭ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން ކެރޮމް އާއި މޮނޮޕޮލީ އާއި ސްކްރެބަލް އާއި އޫނޯ އަދި ޑާޓް ފަދަ ކުޅިވަރުތަށް ކުޅުމުގެ ފުރުސަތު ލިބޭއިރު މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ފަރާތްތަކަށެވެ.

މީގެއިތުރުން މި ހަރަކާތުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 50 ފަރާތަށް ކަމަށްވާއިރު، ރަޖިސްޓަރ ކުރުމަށް ގުޅުއްވާނީ 7580059 ނަމްބަރަށެވެ.

އާތު އަވާ އަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު ބާއްވަމުން އަންނަ ހަރަކާތެކެވެ.

އާތް އަވާ ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.