Last Updated: April 24, 22:15
Wednesday, April 24, 2024
ދުނިޔެ

މިޞްރުގެ ޗާޗަކަށް ހަމަލާދޭން ރޭވި 30 މީހަކު ޖަލަށްލާން ޙުކުމްކޮށްފި

ސިފައިންގެ މީހަކު މިޞްރުގެ ސެއިންޓް ޖޯސެފްސް ރޯމަން ކެތޮލިކް ޗާޗު ގާޑްކުރަނީ - ފޮޓޯ: މުހައްމަދު އަބްދް އެލް ޣަނީ (ރޮއިޓާސް)

މިޞްރުގެ ސިޓީއެއް ކަމުގައިވާ އެލެކްޒެންޑްރިއާގެ ޗާޗެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމަށް ރޭވުމުގެ ތުހުމަތުގައި އާއި އިތުރު ދައުވާތަކެއް ސާބިތުވުމުގެ ސަބަބުން، 30 މީހަކު ޖަލަށްލުމަށް އެޤައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އެމީހުންގެ މައްޗަށް ވަނީ 10 އަހަރާއި އުމުރު ދުވަހާއި ދެމެދުގެ ޖަލު ޙުކުމްތައް އިއްވައިފައެވެ.

ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ "ރޮއިޓާސް" އިން ރިޕޯޓްކުރާ ގޮތުގައި ހައްޔަރުކުރިއިރު އެމީހުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހައްދުފަހަނަޅާފައިވާ ޚިޔާލުތައް ޤަބޫލުކޮށްފައި ކަމަށާއި، އަދި މިޞްރުގައި އާއި ބޭރު ޤައުމްތަކުގައި އެމީހުން ތަމްރީންތައް ވެސް ހަދާފައިވާ ކަމަށެވެ.

ކޯޓަށް ހާޒިރުކުރި 20 މީހުން އެމީހުންގެ ޙުކުމާއިމެދު އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެމީހުންގެ ވަކީލުން ވެސް ޙުކުމާމެދު އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ. ބާކީ 10 މީހުން އަދިވެސް އުޅެނީ ފިލައިގެން ކަމަށްވާއިރު، އެމީހުންގެ މައްޗަށް ޙުކުމްކޮށްފައި ވަނީ ޣައިރު ހާޒިރުގައެވެ.

އެމީހުން ރޭވި ހަމަލާ ޗާޗަށް ދީފައި ނުވިނަމަވެސް، ފާއިތުވި އަހަރުތަކުގައި އެލެކްޒެންޑްރިއާ އާއި މިޞްރުގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ ކްރިސްޓިއަނުންނަށް ވަނީ އެކިއެކި ގޯނާތަކާއި ކުރިމަތިލާން ޖެހިފައެވެ.

2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެލެކްޒެންޑްރިއާގެ ޗާޗުތަކަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތަކެއްގައި 45 މީހުން މަރުވެފައިވާއިރު، އެ ހަމަލާތަކުގެ ޒިންމާ އައިއެސް އިން ވަނީ ނަގާއެވެ.

މިއަދު ޙުކުމްކުރި މީހުންގެ މައްޗަށް ވަނީ ޑެމިއެޓާ ސިޓީގެ ބަނގުރާ ވިއްކާ ފިހާރައެއްގައި ބޮމެއް ހަރުކުރުމަށް ރޭވިކަމުގެ ދައުވާ އާއި، ޣައިރު ޤާނޫނީ ގްރޫޕަކާއި ގުޅުނުކަމުގެ ދައުވާގެ އިތުރުން ހަތިޔާރާއި ގޮވާޒާތުގެ ތަކެތި ގެންގުޅުމުގެ ދައުވާވެސް އުފުލާފައެވެ.

އެމީހުންގެ ތެރެއިން 18 މީހަކަށް އުމުރު ދުވަހުގެ ޖަލު ޙުކުމް ވަނީ އިއްވައިފަ އެވެ. މިޞްރުގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއްގެ މުއްދަތަކީ 25 އަހަރެވެ. އަދި އަށް މީހަކު 15 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާއިރު، ހަތަރު މީހެއްގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ.