Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ އާ ސީޒަން މާދަމާ، މިއޮތީ ޕްރޮމޯ!

ރިއަލިޓީ ޓީވީ ޝޯ "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ އާ ސީޒަންގެ ޕްރޮމޯއެއް ދައްކާލައިިފި އެވެ. އެ ޕްރޮމޯ އާންމުކޮށްފައި ވަނީ ކޮމް ކާޑޭޝިއަން ވެސްޓްގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އާ ސީޒަންގައި ކްލޯއީ ކާޑޭޝިއަން އާއި ޓްރިސްޓަން ތޮމްޕްސަން ރުޅިވި މައްސަލައަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައި ވެއެވެ. ކްލޯއީ އާއި ޓްރިސްޓަން ރުޅިވީ، ކްލޯއީގެ ކޮއްކޮ ކައިލީ ޖެނަރގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައިވާ ޖޯޑީން ވުޑްސް އާއެކު ޓްރިސްޓަން ކްލޯއީ އަށް ބޭވަފާތެރިވުމުގެ ސަބަބުންނެވެ. ޕްރޮމޯ އިން ކްލޯއީ ރޯ މަންޒަރު ވެސް ފެނިގެންދެއެވެ.

އެހެން ސީޒަންތަކެކޭ އެއްފަދައިން މި ސީޒަން ވެސް ވެގެންދާނީ ވަރަށް ޑްރާމާ ބޮޑު ސީޒަނަކަށްކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ޕްރޮމޯ އިން ކާންޔޭ ވެސްޓް ޝިކާގޯ އަށް ބަދަލުވާން ރޭވުމާއި ގުޅޭގޮތުން ކިމް ވާހަކަދައްކާ މަންޒަރު ވެސް ފެނެއެވެ. މި ޝޯ އަކީ ކާޑޭޝިއަން އާއި ޖެނަރ އާއިލާގެ ދިރިއުޅުން ދައްކުވައިދޭ ޝޯ އެކެވެ.

ކިމް، ކްލޯއީ އަދި ކޯޓްނީ ކާޑޭޝިއަންގެ އިތުރުން ކްރިސް ޖެނަރ ކޯ-ޕްރޮޑިއުސްކޮށްފައިވާ މި ސީރީސްގެ ފުރަތަމަ ސީޒަން ޕްރިމިއަރ ކުރީ 14 އޮކްޓޯބަރ 2007 ގައެވެ.

"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ އާ ސީޒަން ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ މާޗު 31 ވާ އާދިއްތަ ދުވަހު އެވެ.