Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

ނަގޫރޯޅިއަށްފަހު މޮޒަމްބީގްގައި ކޮލެރާގެ މައްސަލަތަށް 138 އަށް އަރައިފި

ސައިކްލޯން އީޑާއިގެ ސަބަބުން މޮޒަމްބީގް، ޒިމްބާބްވޭ އަދި މަލާވީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 730 އަށްވުރެ މަތި - ފޮޓޯ: އޭޕީ

ސައިކްލޯން އީޑާއިގެ އަސަރުކުރި މޮޒަމްބީގްގެ ސިޓީއެއް ކަމުގައިވާ ބެއިރާގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ އާއި ހަމައަށް 138 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޤައުމުގެ ސަރުކާރާއި އެހީދޭ އޭޖެންސީތަަކުން ދަނީ ނަގޫރޯޅީގެ އަސަރުކުރި އެތައް ހާސް މީހުންގެ މެދުގައި މި ބަލި ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ.

ސައިކްލޯން އީޑާއި ބެއިރާ އަށް އަރާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ނަގޫރޯޅީގައި އިރުދެކުނު އެފްރިކާގެ ތިން ޤައުމުން 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެޤައުމްތަކަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެސް ވެފައެވެ.

ނަގޫރޯޅީގެ އަސަރު އެންމެ ބޮޑަށް ކުރި މޮޒަމްބީގް އާއި ޒިމްބާބްވޭ އަށް ދާ މަގުތައް އަދިވެސް ބޭނުންނުކުރެވޭއިރު، އޭގެ ސަބަބުން އެ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ކޮލެރާ ފެތުރުމުގެ ފުރުސަތު ވެސް ވަނީ ބޮޑުވެފައެވެ.

މޮޒަމްބީގްގެ އެއްވެސް ސިއްޙީ އިދާރާއަކުން ކޮލެރާ ޖެހިގެން މިހާތަނަށް މީހަކު މަރުވިކަން ކަށަވަރުކޮށްފައި ނުވި ނަމަވެސް، ހޮސްޕިޓަލްތަކުގެ ބޭރުން ޑީހައިޑްރޭޝަން އާއި ބޭރަށް ހިނގުމުގެ އަލާމާތްތަކުގެ ސަބަބުން މަދުވެގެން ދެ މީހުން މަރުވެފައިވާ ކަމަށް އެޤައުމުގެ އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ކަން މިގޮތަށް ދިމާވާނެ ކަމަށް ލަފާކުރެވުނު ކަމަށާއި، އެކަމަށް ތައްޔާރަށް ތިއްބެވި ކަމަށާއި، ޑޮކްޓަރުންވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮލެރާގެ މައްސަލަތައް އުޅޭކަމަށް ސަރުކާރުން އެންމެ ފުރަތަމަ ކަށަވަރުކޮށްދީފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މޮޒަމްބީގްގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އިންސްޓިޓިއުޓް އިން ބުނީ ސައިކްލޯން އީޑާއިގެ ސަބަބުން މަރުވި މީހުންގެ އަދަދު 493 އަށް އަރާފައިވާ ކަމަށެވެ.

މޮޒަމްބީގް، ޒިމްބާބްވޭ އަދި މަލާވީ އިން ޖުމްލަ ގޮތެއްގައި 730 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އަދިވެސް ގިނަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތާރިކް ޖަސަރޭވިޗް އާއި ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓްކުރާ ގޮތުގައި ހޯމަ ދުވަހާއި ހަމައަށް ކޮލެރާގެ އޯރަލް ވެކްސިންގެ 900،000 ޑޯޒް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެމެރިކާ އިން ވެސް ވަނީ މޮޒަމްބީގް އަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފަ އެވެ.