Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

276 އެޕިސޯޑާއެކު އެންމެ ދިގު އިނގިރޭސި ސީރީސް އަކަށް "ދަ ބިގް ބޭންގް ތިއަރީ"

12 ވަނަ ސީޒަނާއެކު އެންމެ ދިގު މުއްދަތަށް ހިނގި ޓީވީ ސީރީސްގެ މަޤާމް މަޝްހޫރު ކޮމެޑީ ސީރީސް "ދަ ބިގް ބޭންގް ތިއަރީ" ހޯދައިފި އެވެ.

276 އެޕިސޯޑާއެކު، ސީބީއެސް އިން ގެނެސްދީ މި ސީރީސް އަކީ މިހާރު ރަސްމީކޮށް އެމެރިކާގައި އެންމެ ދިގު މުއްދަތަކަށް ގެނެސްދިން ޓީވީ ޝޯއެވެ. މީގެ ކުރިން މި މަޤާމް ހޯދާފައި ވަނީ 275 އެޕިސޯޑާއެކު ކޮމެޑީ ސީރީސް "ޗިއާސް" އެވެ.

ޗަކް ލޯރ އާއި ބިލް ޕްރޭޑީ އުފައްދާފައިވާ މި ސީރީސް އެންމެ ފުރަތަމަ ޕްރިމިއަރ ކުރީ 24 ސެޕްޓެމްބަރ 2007 ގައެވެ. 2017 ވަނަ އަހަރުގެ މާޗު މަހު މި ސީރީސް ވަނީ އިތުރު ދެ ސީޒަނަށް އާކޮށްފައެވެ.

ޖިމް ޕާސަންސް އާއި ކޭލީ ކުއޯކޯ އާއި ޖޯނީ ގަލޭޗީ އަދި މެޔިމް ބިއަލިކް އާއި މެލިސާ ރައުކްގެ އިތުރުން ސައިމަން ހެލްބާގް އަދި ކުނާލް ނައްޔަރް ފެނިގެންދާ މި ޝޯ އަކީ މިހާތަނަށް އުފެއްދި އެންމެ މަޝްހޫރު އެއް ޓީވީ ސީރީސް އެވެ. މި ސީރީސް އަށް މިހާތަނަށް 52 އެމީ ނޯމިނޭޝަން ލިބިފައިވާއިރު، މި ސީރީސް ވަނީ އޭގެ ތެރެއިން 10 އެވޯޑް ކާމިޔާބުވެސް ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެއި މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު ޕްރިމިއާކުރާ މި ސީރިސް ފިނާލޭ ވެގެންދާނީ އެއްގަޑިއިރުގެ އެޕިސޯޑަކަށެވެ.

މި ސީރީސް ނިމުމަކަށް އަންނައިރު، 'ބިގް ބޭންގް'ގެ ސްޕިން-އޮފް ސީރީސް ކަމުގައިވާ "ޔަންގް ޝެލްޑަން"ގެ ދެވަނަ ސީޒަން ވެސް ވަރަށް އަވަހަށް ނިމޭނެ އެވެ. އެ ސީރީސްގައި ޒުވާން ޝެލްޑަންގެ ރޯލް އަދާކުރަނީ އިއައިން އާމިޓޭޖް އެވެ.