Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

އަފްޣާނިސްތާންގައި ފެންބޮޑުވުމުގެ ސަބަބުން 32 މީހުން މަރުވެއްޖެ

ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވާ ގެއަކުން އެއްޗެހި ސަލާމަތްކުރުމަށް މީހުން މަސައްކަތްކުރަނީ - ފޮޓޯ: ޖަލީލް އަހްމަދު (ރޮއިޓާސް)

ހުޅަނގު އަފްޣާނިސްތާންގައި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 32 މީހުން މަރުވެ، އެތައް ގެއެއް ހަލާކުވެ، ގެދޮރު ނެތިފައި އެތައް އާއިލާތަކެއް އެބަތިބި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަފްޣާނިސްތާންގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާނު، ހަސިބުﷲ ޝިރް ޚާނީ އާއި ހަވާލާދީ "ރޮއިޓާސް" އިން ރިޕޯޓްކުރާ ގޮތުގައި ބުރާސްފަތި ދުވަހު ވެހެން ފެށި ވާރޭގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން ހަް ޕްރޮވިންސަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

ވީނުވީއެއް ނޭނގި 12 މީހުން ގެއްލިފައިވާއިރު، 700 އަށްވުރެ ގިނަ ގެތަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ.

މިދިޔަ އަހަރު އެޤައުމަށް ދިމާވި ހަނަފަސްކަމުގެ ސަބަބުންނާއި، ތާލިބާން އާއެކު 17 އަހަރު ދުވަހަށް ދިގުދެމިގެންގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ވެސް ގެދޮރުނެތިފައި އެތައް ހާސް މީހުންނެއް އެބަތިއްބެވެ. އެހެންކަމުން މިހާރު ފެންބޮޑުވުމުގެ ސަބަބުން ކުރިން ކުރިމަތިވެފައި އޮތް އެ ޙާލަތު އިތުރަށް ގޯސްވެގެންދާނެ އެވެ.

އަދި މިމަހުގެ ކުރީކޮޅު ފެންބޮޑުވުމުގެ ސަބަބުން މި އަހަރުގެ ގޮދަނުގެ ގޮވާމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

"އަހަރެންގެ ގެއާއި އަހަރެންގެ ދަނޑު ވަނީ ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައި. ގެއްލުންތައް ފެނުނީމަ ރޮވޭނެ"، ހެރާތު ޕްރޮވިންސްގެ އަވަށެއްގައި އުޅޭ ޝީރް އަހްމަދު ނަމަކަށް ކިޔާ މީހަކު "ރޮއިޓާސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

ފެންބޮޑުވުމަކީ އަފްޣާނިސްތާންގައި ވަރަށް އާންމު ކަމެކެވެ. ހެރާތުގައި އެކަނިވެސް ފެންބޮޑުވުމުގެ ސަބަބުން އަށް މީހުން މަރުވެފައިވާ ކަމަށް އެ ޕްރޮވިންސްގެ ހެޑް އޮފް ޕަބްލިކް ހެލްތު، އަބްދުލް ޙަކީމް ތަމާނާ ވިދާޅުވި އެވެ.

ބުނެވޭ ގޮތުގައި މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައިވެސް އަފްޣާނިސްތާނަށް އެރި އެންމެ ބޮޑު ތޫފާނެވެ.