Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންޓަނެޓް ޕޯޓަލްއެއް މެދުވެރިކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

އިންޓަނެޓް ޕޯޓަލްއެއް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިން ބުނީ ބިދޭސީންގެ ދަފްތަރު އެކުލަވާލައި އެފަރާތްތަކުގެ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ބެލޭނެ ގޮތަށް ތައްޔާރުކުރާ މިޕޯޓަލްއިން ކައުންސިލްތަކަށް އެކައުންސިލް ނިސްބަތްވާ ދާއިރާއެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ޕޮލިހާއި އެލްޖީއޭ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް މުޅި ރާއްޖޭގެ ބިދޭސީންގެ ދަފްތަރު ފެންނާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އެ ކައުންސިލާ ބައްދަލުކުރެއްވި ޓީމުން ވިދާޅުވީ، މިމަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދަފްތަރު އެކުލަވާލައި ރަށެއްގައި ބިދޭސީއަކު އުޅޭނަމަ އެބިދޭސީ މީހަކާމެދު ޒިންމާވާ ފަރާތް އެނގޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން ކަމަށެވެ. މި އަންނަ ބަދަލުގެ ސަބަބުން ޤަވާއިދާ ޚިލާފަށް ހުރި ބިދޭސީއެއް ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން އެބިދޭސީ މިހާގެ މައްޗަށް ޒިންމާވާނެ ދިވެއްސެއް ހުރިނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ތެރެއިން އެ ދިވެހި މީހާގެ ނަންމައްޗަށް ފަސޭހައިން ބަދަލުކުރެވިގެންދާނެ ކަމަށާއި، މިބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން އިތުރު ފީއެއްވެސް އަދި ޖޫރިމަނާއެއް ހުރިނަމަ އެވެސް ދައްކަން ނުޖެހޭނެ ކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކުރާ މިޕޯޓަލް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގައެވެ.