Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

ބަންގްލަދޭޝްގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިމާރާތުގެ ވެރިން ހައްޔަރުކޮށްފި

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ ތަޙުޤީޤުކުރުމުގެ އަމުރެއް ކަމާބެހޭ ފަރާތްތަކުން ވަނީ ނެރެފައި - ފޮޓޯ: އަނަދޮލު

މިދިޔަ ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އުސް އިމާރާތެއްގައި އަލިފާން ރޯވެ، 26 މީހުން މަރުވެ، އިތުރު 70 މީހަކަށް އަނިޔާވި ހާދިސާ އާއި ގުޅިގެން، އެ އިމާރާތުގެ ދެ ވެރިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ އަބްދުލް ބާތިން މިއަދު މީޑިއާ އަށް ވިދާޅުވި ގޮތުގައި އިމާރާތްކުރުމުގެ ޤައުމީ އުސޫލުތަކާއި ޚިލާފުވެ އިހުމާލްވިކަމުގެ ތުހުމަތުގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޑިސްޓްރިކްޓް ލީޑަރ ތަސްވީރުލް އިސްލާމް އާއި އެސް އެމް އެޗް އައި ފާރުޤީ މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިމާރާތުގެ ވެރިންގެ ފެންވަރުގައި އިތުރު ބައިވެރިންވެސް އެބަތިބި ކަމަށާއި، 1990ގެ އަހަރުތަކުގައި އެފްއާރް ޓަވަރ އިމާރާތްކުރި ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޑާކާގެ ހައުސިންގ އޮތޯރިޓީ އިން ބުނީ އިމާރާތުގެ މަތީ ފަސް ފަންގިފިލާ އިތުރުކޮށްފައި ވަނީ ރަސްމީ ހުއްދައަކާ ނުލައި ކަމަށެވެ.

ބުރާސްފަތި ދުވަހު ހިނގި އެ އަލިފާންގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުން އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބިއިރު، ކުޑަދޮރުތަކުންނާއި މަތީ ފަންގިފިލާތަކުންނާއި ފުރާޅުމަތިން އެހީއަށް އެދި މީހުން ހަޅޭއްލަވާ އަޑު އިވުނެވެ.

އަލިފާން ނިއްވުމުގައި ހެލިކޮޕްޓަރުތަކާއި 22 ފަޔާފައިޓިންގ ޔުނިޓުގެ އިތުރުން ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ. އެ ހާދިސާގައި ހަ މީހަކު ވަނީ އިމާރާތުން ފުންމާލުމުގެ ސަބަބުން މަރުވެފައެވެ.

އިމާރާތުގެ ސަލާމަތީ ކަންތައްތައް ތަޙުޤީޤުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަމުރުކޮށްފަ އެެ.

މިދިޔަ މަހުވެސް ޑާކާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 78 މީހުން ވަނީ މަރުވެފައެވެ. އަދި ހަމަ އެ މަހު ޗިޓަގޮންގގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހުން ވަނީ މަރުވެފައެވެ.