Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ނިކޮލަސް ކޭޖްގެ ކައިވެންޏަށް ވީ އެންމެ ހަތަރު ދުވަސް

ނިކޮލަސް ކޭޖް އާއި އެރިކާ ކޮއިކޭ - ފޮޓޯ: ޕީޕަލް

މިމަހުގެ 23 ވީ ހޮނިހިރު ދުވަހު ލަސް ވޭގަސްގައި ލޯބިވެރިޔާ އެރިކާ ކޮއިކޭ އާއި ކައިވެނި ކުރިތާ ހަތަރު ދުވަސް ފަހުން، ކައިވެނި ބާތިލްކޮށްދިނުމަށް އެދި ނިކޮލަސް ކޭޖް މިދިޔަ ބުދަ ދުވަހު ކޯޓަށް ހުށަހަޅައިފި އެވެ.

މިއީ އުމުރުން 55 އަހަރުގެ ކޭޖްގެ ހަތަރުވަނަ ކައިވެންޏެވެ.

ކޭޖް ވަނީ 1995 އިން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް ޕެޓްރީޝިއާ އާކުއެޓް އާއި ކައިވެނިކޮށްފަ އެވެ. އެއަށްފަހު އޭނާ ވަނީ 2002 ވަނަ އަހަރުގެ ތެރޭގައި ހަތަރު މަސް ދުވަހަށް ލީޒާ މޭރީ ޕްރެސްލީ އާއި ކައިވެނިކުރުމަށްފަހު، 2004 ވަނަ އަހަރު އެލިސް ކިމް އާއެކު ތިންވަނަ ކައިވެންޏެއް ކޮށްފަ އެވެ. ކިމް އާއި ކޭޖް އަށް ވަނީ ޖެހިގެން އައި އަހަރު ފިރިހެން ކުއްޖަކު ލިބިފައެވެ. ނަމަވެސް 2016 ވަނަ އަހަރު ދެމަފިރިން ވަނީ ވަކިވެފައެވެ.

ކުރީގެ ލޯބިވެރިޔާ ކްރިސްޓީނާ ފުލްޓަން އާއެކު ކޭޖްގެ ފިރިހެން ދަރިއަކު ހުރެއެވެ.

އޮސްކާ އެވޯޑްވެސް ލިބިފައިވާ ކޭޖް މަޝްހޫރުވެގެން އައީ 1980ގެ އަހަރުތަކުގެ ފިލްމްތައް ކަމުގައިވާ "ވެލީ ގާލް" އާއި "ބާޑީ" އަދި "ޕެގީ ސޫ ގޮޓް މެރީޑް"ގެ އިތުރުން "ރެއިޒިން އެރިޒޯނާ" އާއި "މޫންސްޓްރަކް" ފަދަ ފިލްމްތަކުންނެވެ.

1995 ވަނަ އަހަރުގެ ފިލްމް "ލީވިންގ ލަސް ވޭގަސް"ގައި އަދާކުރި ރޯލަށް ކޭޖަށް ވަނީ އެކަޑެމީ އެވޯޑަކާއި، ގޯލްޑެން ގްލޯބް އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑެއް ވެސް ލިބިފައެވެ.

އެންމެ ފަހުން ކޭޖް ފެނިގެން ގޮސްފައި ވަނީ "ސްޕައިޑަ-މޭން: އިންޓު ދަ ސްޕައިޑަރ-ވާސް" އިންނެވެ. އެ ފިލްމްގައި އޭނާ ވަނީސްޕައިޑަ-މޭން ނުވަރގެ ކެރެކްޓާއަށް އަޑުއަޅައިދީފައެވެ.