Last Updated: April 25, 11:25
Thursday, April 25, 2024
މުނިފޫހިފިލުވުން

ހަތް އަހަރަށްފަހު ގްރީސްގައި ވޯގް މެގަޒިން ނެރެފި

ފެޝަން މެގަޒިން އެއް ކަމުގައިވާ "ވޯގް"، ހަތް އަހަރު ދުވަހުގެ ބްރޭކަކަށްފަހު މިއަދު ގްރީސްގައި ލޯންޗްކޮށްފި އެވެ.

ވޯގް ގްރީސް ވެގެންދާނީ މި ލަގްޒަރީ މެގަޒިންގެ 26 ވަނަ ބައިނަލްއަޤްވާމީ އެޑިޝަން އެވެ. އަދި ވޯގް ގްރީސް ހިންގާނީ އުމުރުން 29 އަހަރުގެ އެޑިޓަރ-އިން-ޗީފް، ތަލެއާ ކަރަފިލިދޫ އެވެ.

ވޯގްގެ ޕަބްލިޝަރ ކޮންޑޭ ނާސްޓް އިންޓަނޭޝަނަލް އިން ކަތިމެރިންސް އެކްދޮސެއިސް އާއި ގުޅިގެން މި މެގަޒިން ނެރޭނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ކަތިމެރީނީ ނޫހާއެކު އެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 އަށް ކަތިމެރީނީ ޗާޕުކުރަން ފެށިތާ 100 އަހަރު ފުރޭއިރު، މި މެގަޒިން ސައިޕްރައިސްގައި ވެސް ބަހާނެ އެވެ.

މިއަދު ނެރުނު ވޯގް ގްރީސްގެ ފުރަތަމަ ގަނޑުގައި ހުރީ މަޝްހޫރު މޮޑެލް ބެލާ ހަދީދް އެވެ.

ވޯގް ހެލަސް އެންމެ ފުރަތަމަ ގްރީސްގައި ނެރުނީ 2000 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މެގަޒިން ޗާޕުކުރީ ލައިބެރިސް ޕަބްލިކޭޝަންސް އިންނެވެ.

އެހެންނަމަވެސް ގްރީސް އަށް ދިމާވި އިޤްތިޞާދީ މައްސަލަތަކެއްގެ ސަބަބުން އިޝްތިހާރުކުރުން ހުއްޓުމާއި ގުޅިގެން 2012 ވަނަ އަހަރު ލައިބެރިސް ވަނީ ބަނގުރޫޓުވެފަ އެވެ.